11 Jun 2016, 13:21
ތައިލެންޑުގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށާއި ވިޔަފާރީގެ ފުރުސަތުތައް ރާއްޖެއިން ހޯދުމަށް، ތައިލެންޑުގެ ކޮމާސް މިނިސްޓްރީން ދައުވަތު ދީފި އެވެ.
އެގައުމުގެ ކޮމާސް މިނިސްޓްރީން ބުނާ ގޮތުގައި މިހިނގާ ޖޫން މަހުގެ 28 އިން 30 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ރާއްޖެއާ ތައިލެންޑުގެ އިގްތިޞާދާއި ވިޔަފާރިއާ ބެހޭ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި، ތައިލެންޑާއި ރާއްޖޭގެ ވިޔަފާރިވެރިން ގުޅުން ބަދަހިކުރުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ތައިލެންޑްގެ ޑިޕާޓްމެންޓް އޮފް އިންޓަނޭޝަނަލް ޓްރޭޑުން ކުރިޔަށް ގެންދާ މި ހަރަކާތުގައި ތައިލެންޑުގެ ވީހާވެސް ގިނަ ވިޔަފާރިވެރިން ބައިވެރިވުމަށް އެގައުމުގެ ކޮމާސް މިނިސްޓްރީން ބާރު އަޅަ އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އެންމެ ބޮޑަށް މާކެޓު އޮންނަ ޕްރޮޑަކްޓްތަކަކީ ހަނޑޫ، ގަނޑުކުރި ސީފުޑް، ތާޒާ މޭވާ އަދި ތަރުކާރީ، ބަންދުކޮށްފައި ހުންނަ މޭވާ ޖޫސް، ލުއި ކާނާ، ފަރުނީޗަރު، ކޮންސްޓްރަކްޝަން މެޓީރިއަލް، ސައިކަލުގެ ސްޕެއާޕާޓްސް އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީ ކަމަށެވެ.
ތައިލެންޑަކީ ރާއްޖޭގައި މިހާރުވެސް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ގައުމެކެވެ. އެގައުމުގެ ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓުތައް ރާއްޖޭގައި ހުންނަ އިރު، އެ އިންވެސްޓްމެންޓުތައް ފުޅާ ކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.