ނިއުދިއްލީ (ޖޫން 11) : މަގުމަތީގައި ހިނގި ޓްރެފިކް އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު އިންޑިއާގައި 146،000 ސް މީހުން މަރުވެފައިވާކަން އިންޑިއާގެ މައި ސަރުކާރުން ހާމަކޮށްފި އެވެ.

އިންޑިއާގެ މައިސާރުކާރުން ހާމަކުރި ތަފާސް ހިސާބުތަކެއް ދައްކާގޮތުން މިދިޔަ އަހަރު ހިނގި ޓްރެފިކް އެކްސިޑެންޓްތަކުގައި އިންޑިއާގައި 146،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ފަސްލައްކައަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން އެތަށް ހާސް ބަޔަކު ދާއީމީ ނުކުޅެދުންތެރިކަމަށް ގޮސްފައިވެ އެވެ. އެކްސިޑެންޓް ވީމީހުންގެ ތެރެއިން ގިނަ މީހުންނަކީ 15 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ.

އިންޑިއާގައި ހިނގާފައިވާ އެކްސިޑެންޓެއް

އިންޑިއާގެ ޓްރާންޕޯޓް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކެއްގައި ވާގޮތުން 2015 ވަނަ އަހަރު ހިނގި އެކްސިޑެންޓްތަކުގައި 146،700 މީހުން މަރުވެފައިވާ އިރު 2014 ވަނަ އަހަރު ހިނގި އެކްސިޑެންޓްތަކުގައި މަރުވެފައި ވަނީ 139،423 މީހުންނެވެ. އެހެންކަމުން 2015 ވަނަ އަހަރު ހިނގި އެކްސިޑެންޓްތަކުގެ ނިސްބަތް އޭގެ ކުރީއަހަރާ އަޅާބަލާއިރު 4.6 އިންސައްތަ އިތުރެވެ.

އިންޑިއާގައި މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 101،374 އެކްސިޑެންޓް ހިނގާފައިވާއިރު މީގެތެރޭގައި ގިނައީ މެދުމިނުގެ އެކްސިޑެންޓްތަކާއި އާދައިގެ އެކްސިޑެންޓްތަކެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް މަރުގެ އެކްސިޑެންޓްގެވެސް 300 އާއި 400 ދެމެދުގެ މިންވަރަކަށް ހިނގާ ކަމަށްވެ އެވެ. އިންޑިއާގައި ހިނގާ އެކްސިޑެންޓްތަކުގެ ތެރެއިން 80 ޕަސެންޓް ހިނގަނީ އާދަޔާ ޚިލާފަށް ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުންކަން ވެސް އެގައުމުގެ ޓްރާންޕޯޓް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުގައި ބަޔާންކޮށްފައިވެ އެވެ.

އިންޑިއާއަކީ ދުނިޔޭގައި އެކްސިޑެންޓްތައް އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ގައުމެކެވެ. މިހެން ދިމާވަނީ އިންޑިއާގެ ޑްރައިވަރުން ޓްރެފިކް ގާނޫނާއި ގަވައިދާ ޚިލާފުވާމިންވަރު އިތުރުވުމާއި މަގުތައް ހަނިވުމާއި ވެހިކަލްތައް މަރާމާތު ނުކުރެވުމުގެ ސަބަބުން ބްރެކި ފަދަ ތަކެތި ހަލާކުވެފައި ހުރުން ފަދަ ކަންކަމުގެ ސަބަބުންނެވެ. (އިންޑިއާގެ މީޑިޔާ)