11 Jun 2016, 12:54
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކު ފޭސްބުކުން އެކި ފީޗާތައް އަބަދުވެސް ދަނީ ތައާރަފު ކުރަމުންނެވެ. މިފަހަރު ވެސް މި އޮތީ އާ ކަމެއް ތައާރަފު ކޮށްފަ އެވެ.
ފޭސްބުކްގައި ޕޯސްޓަކަށް ކުރާ ކޮމެންޓެއްގެ ގޮތުގައި ވީޑިއޯ އަޕްލޯޑު ކުރެވޭ ގޮތް ފޭސްބުކް އިން މިދިޔަ ހަފްތާގައި ހަދައި، އެކަން ވަނީ އިއުލާން ކޮށްފަ އެވެ. މީގެ ކުރިން ފޭސްބުކްގެ 50 ވަނަ ހެކަތޯންގައި މި ފީޗާ ޕްރޮޓޯޓައިޕް ކުރެވުނު ނަމަވެސް، މިހާރު މި ފީޗާ އާންމުކޮށް ހުރިހާ އެންމެންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.
ފޭސްބުކްގެ ޑިވެލޮޕަރެއް ކަމުގައިވާ ބޮބް ބޯލްޑްވިން ބުނީ ކޮމެންޓްސް އަދި ރިޕްލައިސްގެ ގޮތުގައި އެކި ކަހަލަ މަލްޓިމީޑިއާ ރެސްޕޮންސްތައް ޕޯސްޓު ކުރެވޭނެ ކަމަށެވެ. އެގޮތުން ފޮޓޯ، ލިންކު، ސްޓިކާ އަދި އިމޯޖީގެ ލިސްޓަށް ވީޑިއޯ ވެސް އިތުރުވީ އެވެ.
އޭނާ ބުނީ، މީހުންނާއި ޕޭޖުތަކުން ޕޯސްޓުކުރާ އެއްޗެހީގެ އިތުރުން، އިވެންޓްސް އަދި ގްރޫޕުތަކުގައި ވެސް ހުންނަ ޕޯސްޓުތަކަށް ވީޑިއޯ ކޮމެންޓު ކުރެވޭނެ ކަމަށެވެ. އަދި މި ފީޗާއަށް ޑެސްކްޓޮޕް ވެބާއި އައިއޯއެފްގެ އިތުރުން އެންޑްރޮއިޑުން ވެސް ސަޕޯޓު ކުރާ ކަމަށް އޭނާ ބުންޏެވެ.
ފޭސްބުކް އިން މި އަހަރު ވަނީ ވީޑިއޯ ލައިވްކޮށް ބްރޯޑްކާސްޓް ކުރެވޭ ފީޗާއަކާއި 360 ޑިގްރީ ފޮޓޯ ވެސް ހަދައި، އެ ޝެއާ ކުރެވޭ ފީޗާއެއް ތައާރަފު ކޮށްފަ އެވެ.