11 Jun 2016, 12:00
މެކްސިކޯ ސިޓީ (ޖޫން 11): މެކްސިކޯގެ ޕުއެބްލާ ސްޓޭޓުގެ އާއިލާއެއްގެ 11 މެމްބަރަކަށް ހަތިޔާރު އަޅައިގެން ތިބި ދެ މީހަކު އިއްޔެ ބަޑިން ހަމަލާދީ މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ފުއެބްލާ ސްޓޭޓުގެ ފަރުބަދަ މަތީ ކުޑަ އަވަށެއްގައި ދިން އެހަމަލާގައި މަރުވީ ފަސް އަންހެނުންނާއި ހަތަރު ފިރިހެނުންނާއި ދެ ކުޑަ އަންހެން ކުދިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ވަނީ މަރުވި އެއް އަންހެނަކަށް މީގެ ނުވަ އަހަރު ކުރިން ޖިންސީ ގޯނާ ކޮށްފައި ކަމަށާއި އޭގެ ސަބަބުން އަންހެން މީހާއަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށް ޕްރޮސިކިއުޓާސް އޮފީހުން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.
އަދި ހަމަލާގައި މަރާލި މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްކޮށްލާފައި ވަނީ އެއަންހެން މީހާގެ މިހާރުގެ ލޯބިވެރިޔާއަށް ކަމަށާއި އޭނާ އަށް ތަކުރާރުކޮށް ވަޅިން ހަމަލާދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާ ދިނުމަށް ފަހު ހަތިޔާރު އަޅަައިގެން ތިބި ދެމީހުން ވަނީ ޕުއެބްލޯ ސްޓޭޓާ ޖެހިގެން އޮންނަ ސްޓޭޓަށް ފިލާފަ އެވެ. ދެސްޓޭޓުގެ ފުލުހުން މިހާރު ދަނީ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. (އޭއެފްޕީ)