ހާޖަރު ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ކުރިން އެއްވެސް ދީނެއް ގަބޫލުރާ މީހެއް ނޫންނެވެ. ނަމަވެސް އިސްލާމީ ގައުމެއްކަމަށްވާ މިސްރުގައި ހަތަރު އަހަރުވަންދެން ވަޒީފާ އަދާކުރަން އުޅުމުން ދީނާމެދު ކޮންމެވެސް ވަރަކަށް ވިސްނުން ހުންނަކަމަށް ހާޖަރު ބުނެއެވެ. ކުރިން ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރި ހާޖަރަށް އިސްލާމްދީނަށް މަގުފަހިވީ ފިރިމީހާގެ ސަބަބުންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ކައިވެނި ކޮށްގެން ފިރިމީހާގެ ގެއަށް ބަދަލުވުމުން އިސްލާމްދީނާ ގުޅުންހުރި ކަންކަމާއި އަޅުކަން ކުރާތަން ފެންނަން ފެށިކަމަށް ހާޖަރު ބުންޏެވެ. އޭނާގެ ފިރިމީހާއަކީ މުސްލިމެކެވެ. އެގޭގައި ހާޖަރުގެ މައިދައިތަ ނަމާދުކުރާ ތަނާ އަޅުކަމުގައި ހޭދަކުރާތަން ފެނުމުން އޭނާއަށް އެކަންވީ އާ ކަމަކަށެވެ. ފިރިމީހާ އިސްލާމަކަށްވުމުން ހާޖަރުވެސް އިސްލާމްދީނަށް ވަނީ ދީނާ ބެހޭގޮތުން އެއްވެސް ކަމެއް އެނގިގެނެއް ނޫނެވެ.

ހާޖަރުގެ ދިރިއުޅުން ބަދަލުކޮށްލައި އިސްލާމްދީނާ މެދު ލޯބި ޖެހުނީ ދިރިއުޅުމުގައި ދިމާވި ދަތި އުނދަގޫ ކަންކަމުން ސަލާމަތްވުމަށް މާތްﷲ ނޫން ދެވަނަ ފަރާތެއްގެ މަދަދާ އެހީ ބޭނުންނުވާކަން ގަބޫލުކުރެވިގެންނެވެ. ކުއްޖަކު ހޯދަން ހާޖަރުގެ ދެމަފިރިން ކުރި މަސައްކަތް ނާކާމިޔާބުވެ ރަހިމުގައި ޓިއުމަރެއް އުފެދިފައިވާކަން ޑޮކްޓަރުން ބުނި ހިސާބުން ފިރިމީހާގެ އެދުމަށް ހާޖަރު ނަމާދުކުރަން ފެށި އެވެ. އަދި އެ މުސީބާތުން ސަލާމަތްކުރެއްވުމަށް އެދި މާތް ﷲ ގެ ޙަޟްރަތުގައި ކޮންމެ ދުވަހަކު ދުއާ ދަންނަވަން ފެށި އެވެ. ހާޖަރަށް ނަމާދުކުރަން ދަސްކޮށްދިނީ ފިރިމީހާ އެވެ.

އެދުވަސް ވަރު ނަމާދަށް ހާޖަރު ޝައުގުވެރިވިކަން ދޭހަކޮށްދެނީ ބަންގި ގޮވުމުގެ ކުރިން ފަތިސް ނަމާދަށް ތެދުވުމާއި ފިރިމީހާއާ އެކު ނަމާދު ކުރު ން ފަދަ ކަންކަމުންނެވެ. މާތް ﷲ ގެ ޙަޟްރަތުގައި ކުއްޖަކު ދެއްވުމަށް އެދި ދުއާ ދަންނަވާއިރު ހާޖަރު ރޮއި ހަދައެވެ.

އޭގެ ދެއަހަރު ފަހުން ހާޖަރު އޮޕަރޭޝަނެއް ކުރި އެވެ. އެއީ ޓެސްޓް ޓިއުބް ބޭބީއެއް ހޯދުމަށް ކުރި އޮޕްރޭޝަނެކެވެ. އޭގެ ދެހަފްތާ ފަހުން ކަށަވަރުވީ ހާޖަރު އަންހެން ކުއްޖަކަށް ބަލިވެ އިންކަމެވެ. ޓެސްޓް ޓިއުބް ބޭބީއެއްވެސް ނުހެދޭނެ ކަމަށާއި ރަހިމުގައި ޓިއުމަރެއް އިންކަމަށް ކުރިން ޑޮކްޓަރުން ބުނެފައިވީ ނަމަވެސް މާތް ﷲ އެކަމަށް މަގުފަހިކޮށްދެއްވި އެވެ.

ހާޖަރު ގަބޫލުކުރިގޮތުން އެއީ އަޖައިބެއް ކަހަލަކަމެކެވެ. އޭގެ ފަހުން ހާޖަރު ގަބޫލުކުރާ ގޮތުން މާތް ﷲ ފިޔަވައި އެހެން އެެއްވެސް ފަރާތަކަށް އީމާންވުމެއް ނެތެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލާންގެ ކަމަށް ހާޖަރު ގަބޫލުކުރެ އެވެ.

ބުރުގާ އެޅުމުން ސަލާމަތްތެރިކަން އިހުސާސްކުރެވޭ

ބުރުގާ އެޅުމާ ބެހޭ ގޮތުން ހާޖަރު ވަނީ އޭނާގެ ތަޖުރިބާ އަންހެނުންނާ ހިއްސާކޮށްފައެވެ. ހާޖަރަކީ ކެބިން ކްރޫއަކަށް އުޅޫނު އިރު ކުރު، ގަޔަށް ބާރު ހެދުން ލީ މީހެއްކަމަށް އޭނާ ބުނެ އެވެ.

ހާޖަރު ފާހަގަކުރާ ގޮތުން ބުރުގާ އެޅުމުން މީހުންގެ ލޯތަކުން އަންހެނުން ފޮރުވެއެވެ. އަދި އެމީހުންގެ ސަބަބުން ފިރިހެނުންނަށް ފާފަކުރުމަށް މަގުފަހި ނުވާނެ ކަމަށާއި ރައްކާތެރިކަން އިހުސާސްކުރެވޭކަމަށް ބުންޏެވެ. ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ މީހުން މަގުފުރެއްދުމަށް ކަމަށާއި އެފުރުސަތު ޝައިތާނާއަށް ނުދިނުމަށް ހާޖަރު ގޮވައިލައެވެ.

ބުރުގާ އެޅުމުން އުނދަގޫ ވުމާއި ހޫނުވުމާއި ކަންކަން ދިމާވާނެ ކަމަށް ހާޖަރު ބުންޏެވެ. އަދި ގަބޫލުކުރާންވީ ކަމަކީ، ﷲ ގެ މަގުގައި ދަތި އުނދަގޫ ގޮތް ހިޔާރުކުރާ މީހާއަށް ސުވަރުގޭގައި މަތިވެރިވެގެންވާ ދަރަޖަ ލިބޭނޭކަން ކަމަށް ވެސް އޭނާ އެންމެހާ ކަނބަލުންނަށް ނަސޭހަތްތެރިވެއެވެ.