ހިމަންދޫގައި ބައްޕައާ އެކު އުޅެމުންދިޔަ ދެ އަހަރު ބައިގެ ކުއްޖާ އެކުއްޖާގެ މަންމައާ ހަވާލުކުރުމަށް ފުލުހުން އެރަށަށް ދިއުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން އެކުއްޖާ މަންމައާ ހަވާލުކުރުމަށް ހިންގި އޮޕަރޭޝަނަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދިވެހި ތިން ފިރިހެނުން ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވިއެވެ.

މިއަދު ފަތިހު ހިންގި އެ އޮޕަރޭޝަންގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިމަންދުއަށް އަރައި އެ ކުއްޖާ މަންމައާ ހަވާލުކުރަން ކުރި މަސައްކަތުގެ ތެރެއިން ފުލުހުންނާއި ހިމަންދޫ ބައެއް ރައްޔިތުންނާއިދެމެދު ވަނީ ކުޑަ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ޖަހާފައެވެ.

އެދުވަހު ކުއްޖާގެ ބައްޕަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލައި އޭނާ ހައްޔަރުކޮށް މިހާރު ވަނީ ގޭ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި ކުއްޖާ ވަނީ މަންމައާ ހަވާލުކޮށްފައެވެ.