މާލެ އަތޮޅު ބޮލިފުށި ރިސޯޓަށް ސިމެންތިތަކެއް ބާލަން އުޅެނިކޮށް ވެއްޓުނު، ސިމެންތި ބަސްތާތައް އާޅާފައި ހުރި ޖަންބޯ ބޭގެއްގެ ދަށުވެ ބޮޑެތި ޒަހަމްތައް ލިބުނު ބިދޭސީއަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ. މަރުވީ ބަންގްލަދޭޝްގެ މީހެކެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ބޮލިފުއްޓަށް ސިމެންތި ހިފައިގެން ދިޔަ ދޯންޏަކުން ސިމެންތި ބޭލުމުގެ މަސައްކަތް ކެރޭނަކުން ކުރަމުން ދަނިކޮށް ކަމަށެވެ. އެހާދިސާ ހިނގިއިރު ބިދޭސީ މީހާ ހުރީ ކެރޭނު އޮތް ސަރަހައްދުގައި ކަމަށާއި ސިމެންތި ބޭލުމުގެ މަސައްކަތުގައި އިތުރު ބަޔަކުވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނީ މަރުވި ބަންގްލަދޭޝްގެ މީހާގެ ގައިމައްޗަށް ސިމެންތި ބަސްތާތައް ހިމެނޭ ޖަންބޯ ބޭގް ވެއްޓުމުގެ ސަބަބުން އެމީހާގެ ބަނޑަށާއި ގައިގެ އެކިތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްުގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 3:40ގައި ކަމަށާއި އޭރުވެސް އެމީހާ ނޭވާލާ ކަމަށެވެ. ޑޮކްޓަރާ ހަވާލާދީ އޮފިޝަލު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަތާ ގަޑިއެއްހާއިރު ތެރޭގައި އެމީހާ މަރުވީ ބަސްތާތަކުން ޖެހުމުގެ ސަަބަބުން މޭ ފިތި ރަނގަޅަށް ނޭވާ ނުލެވިގެން ކަމަށެވެ.