11 Jun 2016, 10:05
ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބު ވެލެންސިއާ އިން ފެށުން ރަނގަޅުކޮށްފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ފެށުނު އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވިކްޓަރީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 6-2 ލަނޑުންނެވެ.
ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ސާފް ޗެމްޕިއަންޝިޕް 2008ގެ ޗެމްޕިއަންކަން ހޯދި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީ އާއި އިސްމާއިލް މުހައްމަދު (އިއްސެ)، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އެވެ.
ވެލެންސިއާ އިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ނިހާން އާއި އަނިލް އެވެ.
އިއްޔެ ކުޅުނު މެޗުގައި ވިކްޓަރީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔަ އިރު، އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑު ޖަހައިދިނީ އަބްދުﷲ މުފީދު އާއި އަހްމަދު ޝަރީފް އެވެ.
އެ މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ.