11 Jun 2016, 10:02
ޔޫރޯ 2016ގެ ފުރަތަމަ މެޗުގައި ވެސްޓްހާމްގެ ތަރި ޑިމިޓްރީ ޕަޔެޓްގެ ގޯލަށް ފަހު، އޭނާ ރޮއިފައިވަނީ ވޯލްޑް ކަޕް 2014ގައި ސްކޮޑަށް ނުނެގުމުން އެކަމުގެ ހިތާމައިގައި ކަމަށް ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީ ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ކޮލިފައިން ބުރުގެ ކޮންމެ މެޗެއްގައި ހެން ސްކޮޑުގައި ޕަޔެޓް ހިމެނުނު ނަމަވެސް، އޭނާއަށް އެ މުބާރާތުގެ ފައިނަލް ސްކޮޑުން ޖާގަ ލިބިފައެއް ނުވެ އެވެ. ނަމަވެސް ރޭގެ މެޗު ނިމެން ދަނިކޮށް، ފްރާންސަށް ތިން ޕޮއިންޓް ހޯދައިދިން ޕަޔެޓް މިހާރު ވެފައިވަނީ އެ ގައުމުގެ "ހީރޯ" އަށެވެ.
"އޭނާ ކުރިން ހީކުރީ ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ސްކޮޑުގައި ހިމަނާނެ ކަމަށް. ކޮންމެ ކޮލިފިކޭޝަން މެޗެއްގައި ހެން އޭނާ ހިމެނުނު. އެކަމަކު އޭނާ އަށް ސްކޮޑުން ޖާގަ ދީފައެއް ނުވޭ. އޭނާ އަށް އެކަމުގެ އަސަރުކުރި ކަން ދަނޑުމަތިން ފެނުނު. ފެނިގެން އެ ދިޔައީ ގައުމަށް ކުޅެދޭން ބޭނުންވާ ކުޅުންތެރިއެއް. ފެނިގެން އެ ދިޔައީ ވޯލްޑް ކަޕަށް ނުނެގިޔަސް، ޕްރިމިއާ ލީގުގައި ކުޅެ އަމިއްލަ ހުނަރު ދައްކައި، އެކަން އެހެން މީހުންނަށް ދައްކާނެ ކަމަށް ބުނާ މީހެއް،" އޮންރީ ބުންޏެވެ.
އޭނާ ބުނީ، މެޗުގައި ޕަޔެޓް ކޮންމެ ބޯޅައެއް ވެސް ބޭނުންވި ކަމަށާއި މެޗުގެ ތެރެއިން ކޮންމެ ކަމެއް ހިނގިޔަސް އެކަމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ޕަޔެޓަށް ކަމަށެވެ. އަދި ޕަޔެޓް ކާމިޔާބުކުރި ލަނޑަކީ ވަރަށް ރީތި ލަނޑެއް ކަމަށް ވެސް އޮންރީ ބުންޏެވެ.
ޔޫރޯގެ ގްރޫޕްއޭގައި ރޭ ފްރާންސް އާއި ރުމޭނިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-1 ލަނޑުން ފްރާންސް ކުރީގައި އޮވެގެންނެވެ.