ފްރާންސްގައި ކުރިއަށްދާ ޔޫރޯ އަށް ނެގި އިނގިރޭސިވިލާތުގެ ޒުވާން ސްކޮޑަށް ވޭން ރޫނީ އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގައި ކުރިން ރޫނީއާއެކު ކުޅުނު ރިއޯ ފާޑިނަންޑް ބުނެފި އެވެ.

ޔޫރޯގައި މިރޭ ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އުމުރުން 30 އަހަރުގެ ރޫނީ ފެނިއްޖެ ނަމަ، އެ މެޗު ވެގެންދާނީ އިނގިރޭސި ޓީމަށް އޭނާ ކުޅޭނެ 112 ވަނަ މެޗަށެވެ.

އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އިނގިރޭސި ޓީމަކީ އެންމެ ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ރޯއީ ހޮޖްސަން ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިންނަކީ 22 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ އުމުރުން 18 އަހަރުގެ މާކަސް ރަޝްފާޑް ފާހަގަކޮށްލެވެ އެވެ.

"ރޫނީއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާ އަކީ މިހާރުގެ ޒުވާން ކުޅުންތެރިން މިސާލެއްގެ ގޮތުގައި ދެކޭ ކުޅުންތެރިއެއް. އެއީ ޓްރެއިނިން ދަނޑުގައި ކަމަށްވިޔަސް، ހޮޓަލުގައި ވިޔަސް، ޒުވާން ކުޅުންތެރިން މިސާލެއްގެ ގޮތުގައި ދެކޭނެ ކުޅުންތެރިއެއް. ޓީމުގައި ރޫނީ ހިމެނުމަކީ ނިންމި ގޯސް ނިންމުމެއް ކަމަށް މީހުން ބުނަނީ އެ މީހުންނަށް ރަނގަޅަށް ކަންތައްތައް ނޭނގޭތީ،" ފާޑިނަންޑް ބުންޏެވެ.

އޭނާ ބުނީ، ބޮޑު މުބާރާތެއްގައި ވާދަނުކުރާ ތަޖުރިބާ މަދު ކުޅުންތެރިންނާއެކު ޔޫރޯގައި ވާދަކުރުމަކީ ލިބޭނެ ފައިދާއެއް ކަމަށް ދެކޭ ކަމަށެވެ.

"އެމީހުންގެ ފަރާތުން ފެނިދާނެ ކަންތައްތަކެއް ނޭނގޭނެ. ޔޫރޯއަށް ބައެއް ކުޅުންތެރިންގެ ތަޖުރިބާއެއް ނެތް. އެކަމަކު އެއީ ރަނގަޅު ކަމެއް. އެކަމުން މުބާރާތުގައި ވަރަށް ކުރިއަށް ވެސް ދެވިދާނެ،" ފާޑިނަންޑް ބުންޏެވެ.

ޔޫރޯގައި އިންގްލެންޑް ލައްވާލީ ރަޝިއާ އާއި، ވޭލްސް އަދި ސްލޮވާކިއާ އާއެކު "ގްރޫޕް ބީ" ގައެވެ. މުބާރާތުގައި އިނގިރޭސިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ ރަޝިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.