11 Jun 2016, 02:01
ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިއަށް ދަނިކޮށް އިނގިރޭސި ސަޕޯޓަރުންނާއި ފްރާންސްގެ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
އިނގިރޭސި ސަޕޯޓަރުންނާއި ފްރާންސް ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގީ ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ ފެށިގެން ކުރިއަށް ދަނިކޮށް ދަނޑު ބޭރުގަ އެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ނުކުތީ ފްރާންސް ރަޔަޓް ފުލުހުންނެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ ކަރުނަގޭސް ޖަހައިގެންނެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ސަޕޯޓަރުންތަކެއް ހައްޔަރު ކުރި އެވެ.

ދަނޑު ބޭރުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަރުނަގޭސް ޖަހާފައި-
"އިނގިރޭސި ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ތިބީ ރާ ބޮއިގެން މަސްތުގެ ހާލަތުގައި. އެމީހުން ދަނޑަށް ވަންނަން އުޅުމުގެ ތެރޭގައި ފުލުހުން ހުއްޓުވުމުން ފުޅި ފަދަ ތަކެތި އުކަން ފެށީ،" ބީބީސީގެ ނޫސްވެރިޔަކާ ހަވާލާދީ ބީބީސީން ބުނެފައިވެ އެވެ.
ބީބީސީން ބުނީ އަމަލުވެގެން ތިބި ސަޕޯޓަރުން ފުލުހުންނާއި ކުރިމަތިލާން ފެށުމުން ރައްދުގައި ފުލުހުން ކަރުނަ ގޭސް ޖެހި ކަމަށާއި މާ ގިނަ އިރުތަކެއް ނުވެ އެ ސަރަހައްދު ފުލުހުންގެ ކޮންޓްރޯލު ދަށަށް ގެނައި ކަމަށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރަޔަޓް ފުލުހުން ހަރަކާތްތެރިވަނީ--
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ 10 ދަނޑުގެ ސަލާމާތީ ކަންކަން ބެލެހެއްޓުމަށް 90000 އޮފިސަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި 42000 ފުލުހުންނާއި ފްރާންސްގެ އަސްކަރިއްޔާގެ 30000 އޮފިސަރުން ހިމެނެ އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 51 މެޗު ބަލަން، 10 ދަނޑަށް ގާތްގަނޑަކަށް 2.5 މިލިއަން މީހުން ޖަމާވާނެ އެވެ. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރާނެ އެވެ.