ދައުލަތުގެ ބައެއް އިސްވެރިންގެ ބަރަހާނާ ވީޑިއޯތަކެއް އާއްމުވިއިރު ކުޑަކުދިންތަކެއްގެ ކުރިމަތީގައި ބަރަހާނާވާ، އަންހެން މީހާ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭނާ ހައްޔަރު ނުކުރެވުނީ އެ އަންހެން މީހާ ރާއްޖޭން ބޭރުގައި ހުރުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ އަންހެން މީހާ ހައްޔަރުކުރުމަށް އެދި މިދިޔަ މަހުގެ 16 ގައި ހުށަހެޅީ ކުޑަކުދިންތަކެއްގެ ކުރިމަތީގައި އޭނާ ބަރަހާނާވާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ނަމަވެސް ކޯޓު އަމުރާއެކު އަންހެންމީހާ ހޯދަން ބެލިއިރު ރާއްޖޭން ބޭރުގައި ހުރި ކަމަށް ފުލުހުންނަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަންހެން މީހާގެ ވީޑިއޯގެ އިތުރުން، ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކާއި މުޖުތަމައުގެ އެކިއެކި ގިންތީގެ މީހުންގެ ބަރަހާނާ ވީޑިއޯތައް އާއްމުވެފައިވާ އިރު، ރާއްޖޭން ބޭރުގައި މިވަގުތު ހުރި އަންހެން މީހާ ފިޔަވައި އިތުރު މީހަކު ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދިފައި ނުވަނީ ކީއްވެގެން ކަމެއް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ޝިޔާމް ވިދާޅުވީ ބަރަހާނާ މަންޒަރުތައް ދައްކުވައިދޭ އެ ވީޑިއޯތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތަކަށް ބައެއް ފަރާތްތައް ހާޒިރުކޮށް، ސުވާލުކޮށްފައިވާނެ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ވެސް ޝިޔާމް ނުދެއްވަ އެވެ.
" އެވީޑިއޯތަކުން ގިނަ އަދަދެއްގެ ބަޔަކު ފެނޭ. ބައެއް މީހުން މިހާތަނަށް ވަނީ އައިޑެންޓިފައި ކުރެވިފަ. އަދިވެސް އެ މަސައްކަތް ދަނީ ކުރިއަށް،" ޝިޔާމް ވިދާޅުވި އެވެ.

ބަރަހަނާ ވީޑިއޯތަކުން ފެންނަ އަންހެން މީހާ ވެބްކެމް ކުރިމަތީގައި ޖިންސީ ހަޑިހުތުރު އަމަލު ހިންގާ އިރު އޭނާގެ ކުޑަ ދެ ކުދިން ވެސް ގާތުގައި އުޅޭ މަންޒަރު ވީޑިއޯ އިން ފެންނަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ބަރަހާނާ ވީޑިއޯތަކުގެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން، އޭގެ ވީޑިއޯ އަކުން ފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ވަނީ ސަރުކާރުގެ ސިންގަޕޫރުގެ ވަޒީފާ އަކަށް ބަދަލުކޮށްފައި ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. މި މައްސައިގެ ތަހުގީގުތައް ލަސްވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ މި މައްސަލައިގެ މަތިން ހަނދާން ނެތިފަ އެވެ.