ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ނިހާނުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ނިހާނުގެ ގާނޫނީ ވަކީލު ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމް ރަނގަޅު ނޫން ކަމަށާއި ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ނިހާނުގެ މައްޗަށް މިރޭ 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ވުމުންނެވެ.

އެ މައްސަލައިގައި މިރޭ އިއްވި ހުކުމްގައި ވަނީ މާލޭގެ ނީލޯފަރު ގޯޅީގެ ސައިކަލެއްގެ މަތިން ފެނުނު ސައްޙަ ނޫން ކޯޓު އަމުރަކީ ނިހާންގެ ބައިވެރިވުމެއް އޮވެގެން ތައްޔާރުކުރި އެއްޗެއްކަން ޝަރީއަތަށް ސާބިތުނުވި ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތަކާ ޚިލާފަށް ނިހާން ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ވައްދައި، އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންއާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލުމަށް މިރޭ ހުކުމް އިއްވުމަށް ފަހު ކްރިމިނަލް ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ހެކީންގެ ހެކިބަހުން އެކަން އެނގެން އޮންނައިރު، މާމިގިލީ ކޯޓުގެ ލެޕްޓޮޕުން، ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅޭގޮތުން ކޯޓު އަމުރެއް ތައްޔާރުކުރަން އުޅެފައިވާ ލިޔުމެއް ފެނިފައިވާކަން ދައުލަތުން ހުށަހެޅި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމާއި، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް ނިހާން މަސައްކަތް ކުރައްވާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާކަމަށް ވެސް ހުކުމްގައި ވެއެވެ.

އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު ވެސް ރޭ ވަނީ 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.

ނިހާނާއި މުތާޒަށް އިއްވީ ޓެރަރިޒަމްގެ އާ ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެވެ.