10 Jun 2016, 22:35
އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހުންގެ ތެރެއިން ސްރީލަންކާގެ މީހަކަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހަކު ރޭ އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެތެރެއިން ދެ މީހުން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް ތިން ވަނަ މީހާ އަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 12:15 އެހާކަށްހާއިރު ފޭދޫ ބްރައިޓްލިންކް ނަމަކަށް ކިޔާ ފިހާރައިގެ ކުރިމަތީގައެވެ. އެ އެކްސިޑެންޓު ހިނގީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ.
އެއް ސައިކަލުގައި ތިބީ ދެ ބިދޭސީންނެވެ. އަނެއް ސައިކަލުގައި އިނީ ދިވެއްސެކެވެ.
ހިތަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބިދޭސީ މީހާގެ ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލު އަދި ނުލިބެއެވެ.