މިރޭ ފަށާ ޔޫރޯ 2016 ގެ މެޗުތައް ބެލުމަށް ސަލްސާ ރޯޔަލް ރެސްޓޯރަންޓްގައި "އެލައިޑް ޔޫރޯ އެރީނާ" ގެ ނަމުގައި އެލައިޑްގެ ޖަގަހަ ހުޅުވައިފި އެވެ.

އެލައިޑުން ބުނީ މުބާރާތުގެ މެޗުތައް ދެއްކުމަށް އެ ޖަގަހައިގައި 10 ފޫޓު 16 ފޫޓު ގެ ދެ ސްކްރީން ހަރުކޮށްފައިވާ ކަމަށެވެ.

އެލައިޑުގެ ޖަގަހައިގައި މެޗުތައް ދެއްކުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ހިޓާޗީ ހައި ޑެފިނިޝަން ޕްރޮޖެކްޓަރ ތަކާއިއެކު، ޕަބްލިކް ސާވިސް މީޑިއާގެ ހައި ޑެފިނިޝަން ފީޑުތަކާއި އެކު އެވެ.

ނަމަވެސް، އިރުއޮއްސި ހއެއް ޖަހާއިރު ދައްކާ ޔޫރޯ މެޗުތައް އެލައިޑް ޔޫރޯ އެރީނާގައި ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސަލްސާގެ ވެރިޔާ އާމިރު (ވ) އަދި އެލައިޑުގެ މާކެޓިންގ މެނޭޖަރު ނިއުޝާދު -- ފޮޓޯ: އެލައިޑް

"މީ ބަރަކާތްތެރި ރަމަޞާން މަހަށް ވެފައި، ނަމާދު ވަގުތު ތަކުގައި މެޗު ބަލާކަށް ޖަގަހައެއް ނުހުޅުވާނެ. މެޗުތައް ޖަގަހައިގައި ބެލޭނީ ރޭގަނޑު 9.00 ން ފެށިގެން،" އެލައިޑުގެ މާކެޓިންގ މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވި އެވެ.

ޖަގަހައާއި ބެހޭ ގޮތުން ސަލްސާ ރޯޔަލްގެ ވެރިޔާ އިބްރާހިމް އާމިރު ވިދާޅުވީ ރޭގަނޑު ނުވައެއް ޖަހާއިރު އެލައިޑް ޔޫރޯ އެރީނާ ހުޅުވޭއިރު، ހާއްސަ ޔޫރޯ މެނޫގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

އަދި ދަންވަރު މެޗުތައް ބެލުމަށް ދާ ފަރާތްތަކަށް ހާރުކެއުމުގެ އިންތިޒާމްވެސް އެ މެނޫގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެލައިޑް ސޯޝަލް މީޑިއާ މެދުވެރިކޮށް އެލައިޑް ޔޫރޯ އެރީނާގެ ވީއައިޕީ މޭޒު، އަދި ކެއުން ހޯއްދެވުމަށް، ގަދަ މެޗުތަކާއި ދިމާކޮށް ހުޅުވާލާނެ ކަމަށް އެލައިޑުން ބުނެ އެވެ.