11 Jun 2016, 10:19
އއ. ހިމަންދޫ، ޝިމާލް އިބްރާހީމް އާއި ލ. މާވަށު މަރިޔަމް ޖަމީލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން މަސް ފަހުން ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. ކައިވެންޏަށް މާކަ ގިނަ ދުވަސްތަކެއްނުވެ ޖަމީލާ ބަނޑުބޮޑުވި އެވެ. އެކައިވެނީގައި އެކިއެކި ކުނިޖެހެމުންގޮސް ކުއްޖާ ލިބި ތިން މަހުގައި ކައިވެނި ރޫޅުނެވެ. އެއާ އެކު ކުއްޖާ އުޅެމުންދިޔައީ މަންމަ ގާތު ލ. މާވަށުގަ އެވެ. ދޭތެރެ ދޭތެރެއިން ކުއްޖާ ގާތަށް ބައްޕަ އެ ރަށަށްދެ އެވެ.
އެހެން އުޅެމުންގޮސް ކުއްޖާ ގޮވައިގެން މިދިޔަ އަހަރު އޮގަސްޓު މަހު ޖަމީލާ މާލެއައީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށެވެ. ދެ މީހުންގެ ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިފުޅުގެ ކަންތައްތަކުގައި ދެމީހުން ވާހަކަ ދައްކައިހަދަ އެވެ. ދަރިފުޅާ ބައްދަލުކޮށް ވެސް ހަދަ އެވެ. އެހެން އުޅުމުގެ ތެރެއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޝިމާލް ވަނީ ޖަމީލާގެ އަތުން ކުއްޖާ ގެންގޮސްފަ އެވެ.

ޝިމާލް އޭނާގެ ދަރިފުޅާއެކު-- ފޮޓޯ: ފޭސްބުކް
ޝިމާލް ބުނާ ގޮތުގައި އޭނާ ދަރިފުޅު މަންމަ އަތުން އަތުލީއެއް ނޫނެވެ. ކުއްޖާގެ މަންމަ މާލޭ މަގެއްމަތީގައި ހުރެފައި ކުއްޖާ އޭނާ އަތަށް ދީފައި ދިޔައީ ކަމަށާއި ކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަން ފެށީ އެހިސާބުން ކަމަށް އޭނާ ބުނެ އެވެ.
"ކުއްޖާގެ މަންމަގެ ހަބަރެއްނުވުމުން އެތައް ފަހަރެއްގެމަތިން ފޯނުންގުޅުމުން މަންމަ ޖަވާބުދީފައި ވަނީ ކޮންމެވެސް ދުވަހަކުން ކުއްޖާއާ ހަވާލުވާން ދާނަމޭ،" ޝިމާލު އޭނާގެ ފޭސްބުކުގައި ބުނެފައިވެ އެވެ.
ޖަމީލާ ބުނަނީ ޝިމާލު އެވާހަކަތައް އެކިޔައިދެނީ އޮޅުވާލައިގެން ކަމަށެވެ. ޖަމީލާ ކިޔައިދޭ ގޮތުގައި އެ ދުވަހު ޖަމީލާ އޭނާގެ ތިމާގެ މީހެއްގެ ގެއަށްގޮސް ހުއްޓައި ދަރިފުޅު ރޯތީ ޝިމާލްއަށް ގުޅީ އެވެ. ޝިމާލް އެގޭ ކައިރިއަށް އައުމުން ޖަމީލާ ތިރިޔަށް ފޭބުމުގެ ތެރެއިން އޭނާ ދަރިޔާ އެކު ސިޑިން ވެއްޓުނެވެ. އެއާ އެކު ފައި ވަރަށް ބޮޑަށް ދުޅަވި އެވެ.
ޖަމީލާ ބުނާ ގޮތުގައި ޝިމާލް އެ ސަރަހަށްދަށް އައިރު އޭނާގެ ފައި އޮތީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އެހެންކަމުން ޝިމާލް ކައިރީ އަވަހަށް ކާރެއްގައި ގެއަށް ދިއުމަށް އެދުނެވެ. ޝިމާލް ދަރިފުޅު އުރާލުމަށް ފަހު އެތަނުގައި މަޑުކޮށްގެން ހުރީ ކަމަށާއި ޝިމާލް ގެއަށް ނުދިޔުމުން ޖަމީލާގެ ރަށު ދެ މީހެއްގެ އެހީތެރިކަމާ އެކު ކާރެއްގައި ގެއަށް ދިޔައީ ފައި ދުޅަވެފައިވާލެއް ބޮޑުކަމުން ކެތް ނުކުރެވިގެން ކަމަށް އޭނާ ބުންޏެވެ.

ޖަމީލާ ސަން އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: ޝަހީމް
އެ ވަގުތު ޖަމީލާގެ ފޯނު އޮތީ ނިވިފައި ކަމަށާއި ގެއަށް ދެވުމާ އެކު ޝިމާލްއަށް ގުޅައި އަވަހަށް ދަރިފުޅު ގޮވައިގެން ގެއަށް އައުމަށް އެދުނު ކަމަށާއި ނަމަވެސް ޝިމާލްގެ ފަރާތުން ލިބުނީ އޭނާގެ ހިތްދަތި ކުރުވާ ފަދަ ޖަވާބެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ވަރަށް ގުޅިން، ގޭގައި އުޅޭ ދައްތަމެންނަށް ވެސް އެނގޭނެ، އެކަމަކު ޝިމާލް ބުނީ ދަރިފުޅު މަތިން ހަދާން ނައްތާލާށޯ ދެން ދަރިފުޅު ނުލިބޭނެޔޯ،" ގިސްލާ ރޮމުން ޖަމީލާ ބުންޏެވެ.
ޝިމާލު ބުނާ ގޮތުގައި ކުއްޖާ އޭނާ ގެންދިއުމުގެ ކުރިން ކުއްޖާގެ މަންމަ ކުއްޖާ އަށް އަނިޔާކުރާކަމުގެ ވާހަކަ މަންމަގެ އާއިލާގެ ފަރާތުން އޭނާއަށް އަންގައި ކުއްޖާ ބަލައި އައުމަށް ވެސް އެދިފައިވާ ކަމަށެވެ.
ނަމަވެސް ޖަމީލާ އެވާހަކަތަކަށް އިންކާރުކުރެ އެވެ. އޭނާގެ އާއިލާއިން އެފަދަ ވާހަކައެއް ނުދައްކާ ކަމަށާއި އޭނާ ދަރިފުޅު ބެލުމަށް އާއިލާގެ އެއްބާރުލުން ލިބޭއިރު ދަރިފުޅަށް ރަހުމު ކުޑަ އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް ޖަމީލާ ބުނެ އެވެ.
"އަހަރެމެންގެ ބައްޕަމެންވެސް އެހެން ބުނަފައެއް ނުވާނެ، ކުއްޖާ ބަލާ އަންނާށެކޭ ވެސް އެއްވެސް އެއްޗެކޭ، ރަށުގައި ހަމަ މިއޮއް ހުރިހާ ދުވަހު ވެސް މަންމައާއި ބައްޕަ ކައިރީގައި ކުއްޖާ ގޮވައިގެން މިއުޅުނީ، އެއްވެސް ގޮތަކަށް އަނިޔާކޮށްފައެއް ނީންނާނެ." ޖަމީލާ ބުންޏެވެ.
ޖަމީލާ ބުނާ ގޮތުގައި ދަރިފުޅު އަތުލިތާ އެއް ދުވަސް ފަހުން ޝިމާލް ގުޅާފައި އޭނާ ކައިރީ ބުނީ ދަރިފުޅު ގޮވައިގެން ޝިމާލުގެ ރަށް ކަމަށްވާ ހިމަންދުއަށް ފުރި ވާހަކަ ކަމަށެވެ. ދަރިފުޅާ އެކު އުޅެން ލިބޭނީ އެ ރަށަށް އައިސް ޝިމާލުމެންގޭގައި ހުރުމުން ކަމަށް ވެސް ބުނި ކަމަށް ޖަމީލާ ބުންޏެވެ.
އެއާ އެކު ޖަމީލާ ވަނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހިމަންދުއަށް ގޮސްފަ އެވެ. މިދިޔަ ޖެނުއަރީ މަސް ފެށެންދެން އޭނާ ހުރީ ދަރިފުޅު ބެލުމަށް ހިމަންދޫގައި ޝިމާލްމެން ގޭގަ އެވެ. ދަރިފުޅު ބެލީ އޭނާ ކަމަށް ޖަމީލާ ބުންޏެވެ. ނަމަވެސް އެގޮތަށް ދާއިމީ ގޮތަކަށް އޭނާ ހުންނާކަށް ބޭނުމެއްނުވި އެވެ. އެހެންކަމުން އޭނާ ނިންމީ މާލެ އައިސް ދަރިފުޅު ހޯދުމަށް މަސައްކަތް ކުރުމަށެވެ. އެެ ގޮތުން ކޯޓަށް މައްސަލަ ހުށައަޅައި ކޯޓު އަމުރުގެ ދަށުން އޭނާ އެ މަސައްކަތް ފެށި އެވެ.

ޖަމީލާ ވަނީ ޖެނުއަރީ މަހު ފެމިލީ ކޯޓަށް ދަރިފުޅު ހޯދުމަށް ހަޟާނާތުގެ މައްސަލައެއް ހުށައަޅައިފަ އެވެ. އޭގެ ކުރިން ވެސް ކޯޓުން ވަނީ ދަރިފުޅު ޖަމީލާއާ ހަވާލު ކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އެ ކޯޓުން މިދިޔަ އޭޕްރީލް މަހު މައްސަލަ ނިންމާފައި ވަނީ ދަރިފުޅު މަންމައާ ހަވާލު ކުރުމަށެވެ.
ޝިމާލު ބުނާ ގޮތުގައި ފެމިލީ ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާ އަށް އެންގުމަކާއިނުލާ އަދި މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ އަށް އެއްވެސް ފުރުސަތެއް ވެސް ނުދީ އެވެ. ކޯޓު އަމުރު ނެރުމަށް ފަހު ކުއްޖާ ހަވާލު ކުރަން އެންގިނަމަވެސް ޝިމާލް އެކަމާ ދެކޮޅުހެދި އެވެ. ނަމަވެސް ފުލުހުންނާއި ޖެންޑާގެ ބެލުމުގެ ދަށުން މިދިޔަ ބުދަ ދުވަހު މިހާރު ވަނީ އެކުއްޖާ މަންމައާ ހަވާލުކޮށްފަ އެވެ. ސަންގެ ނޫސްވެރިން އެކުއްޖާ މަންމަ ދިރިއުޅޭ ގެއަށް ދިޔައިރު މަންމަޔާ އެކު ކުއްޖާ އުޅެ އެވެ.
ކުއްޖާ މަންމަ ކައިރިއަށް ދާން ބޭނުން ނުވެ މަންމަ ފެނުމުން ބާރަށް ބޮޑަށް ރޮއެ ހަދާ ކަމަށް ޝިމާލް ބުންޏެވެ. އަދި ކުއްޖާ މަންމަ ކައިރިއަށް ދިއުމަށް ބޭނުންނުވާ ކަމަށް ޝިމާލް ބުނެ އެވެ.
ޖަމީލާ ބުނީ އެގޮތަށް އެހެންވީ އޭނާ އާއި ދަރިފުޅު ދުރު ކުރުމުން ކަމަށެވެ. ކުއްޖާއާ ދުރުގައި އޭނާ ވޭތުކުރި ހަ މަސް ދުވަހުގެ ތެރޭގައި ފޯނުން ވެސް ކުއްޖާއާ ވާހަކަ ދައްކާލުމަށް ދިނީ އެންމެ ދެ ފުރުސަތު ކަމަށާއި އަދި ކުއްޖާ ކައިރިއަށް ބަލައި ދިއުމުން ވެސް ކުއްޖާ "ލޮއްސާލުމުގެ" ފުރުސަތު ޝިމާލު ނުދޭ ކަމަށް އޭނާ ބުންޏެވެ.
"ދަރިފުޅު ކުޑައިރު ޝިމާލް އަޅުގަނޑުމެންގެ ރަށަށް އައުމުން ދަރިފުޅު ޝިމާލް އާއި ރުޅި، އޭރު އަޅުގަނޑު ބުނަން ދަރިފުޅު އުރައިގެން ތަންތަނަށް ދާށޭ، ތަންތަން ދަށްކާށޭ، އޭރުން ރަށްޓެހިވާނޭ، އެކަމަކު ޝިމާލް އަޅުގަނޑަށް އެފުރުސަތެއް ނުދޭ." ޖަމީލާ ބުންޏެވެ.
ޖަމީލާ އާއި ޝިމާލުގެ ދެމެދުގައި ޖެހުނު މައްސަލަތަކާ އެކު މީހާރު ދަރިފުޅު އެ ވަނީ ޖަމީލާއާ ހަވާލުކޮށްފަ އެވެ. ޝިމާލުގެ މައްޗަށް ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުކޮށް އޭނާ ހައްޔަރުކޮށް ފަސް ދުވަހަށް ވަނީ ގޭބަންދުކޮށްފަ އެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލާގެ ސަބަބުން އެ ތުއްތު ތުއްތު ދަރިފުޅަށް އެވަނީ ހިތްދަތި އެތައް މަންޒަރެއްފެނިފަ އެވެ. ނީވެންޖެހޭ އެތައް އަޑެއްއިވިފަ އެވެ. މިހާރު ކުއްޖާ މަންމަގެ ބެލުމުގެ ދަށުގައި ހުރި އިރު މަންމަ ތައްޔާރުވަމުން އަންނަނީ ވީހާވެސް އަވަހަކަށް ކުއްޖާ ގޮވައިގެން އޭނާގެ ރަށަށް ދިއުމަށެވެ. ޖަމީލާ ބުނަނީ އޭނާ އަކީ ކުއްޖާ ދެކެ ލޯބިވާ މަންމައެއް ކަމަށާއި "އިރާދަކުރެއްވިއްޔާ ދީނަށް ލޯބިކުރާ ރަނގަޅު ކުއްޖަކަށް ދަރިފުޅު ހަދާނެ." ކަމަށެވެ.