ގދ. ވާދޫ ޖަމާލުއްދީނު މަދަރުސާގެ ގްރޭޑް އަށެއް ނުވައެއްގެ ހިސާބު ޓެސްޓް މިއަދު ނަގަން ހަމަޖައްސާފައި އޮއްވާ ޓެސްޓް ޕޭޕަރު ލީކްކޮށްލައިފި އެވެ. ވާދޫ ޖަމާލުއްދީން މަދަރުސާގެ އިން ވެސް ވަނީ މިއަދު ނަގަން އޮތް ހިސާބު ޓެސްޓްގެ ޕޭޕަރު ލީކްކޮށްލާފައި ވާކަން ކަށަވަރުކޮށްދީފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާދޫން މައުލޫމާތު ހިއްސާކުރި މީހަކު ބުނީ އެ ރަށު މަދަރުސާގެ 8، 9 ދަރިވަރުންގެ ހިސާބު ޓެސްޓް ނަގަން ހަމަޖެހިފައި އޮތީ މިއަދު ކަމަށާއި ނަމަވެސް ރޭ، ހިސާބު ޕޭޕަރު ސޮފްޓް ކޮޕީ އެއް އެރަށު ގެއެއްގައި ހުރި ކޮމްޕިއުޓަރަކުން ފެނުމުން، ސްކޫލުން އެ މައްސަލަ ބަލަން ފަށައި ޓެސްޓް ނެގުން ފަސްކޮށްފައިވާ ކަށެވެ.

ވާދޫ މަދަރުސާއިން ބުނީ ހިސާބު ޕޭޕަރު ލީކްވުމާ ގުޅިގެން، އެ މާއްދާގެ ޓެސްޓް ނެގުން ދެން ބާއްވާނީ އަލުން ޕޭޕަރު އެކުލަވައިލުމަށްފަހު ކަމަށެވެ. ޓެސްޓް ބާއްވާނެ ތާރީހެއް ފަހުން ދަރިވަރުންނަށް އަންގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖުމްލަ 186 ކުދިން ކިޔަވަމުން އަންނަ މަދަރުސާގެ ހިސާބު ޓެސްޓް ޕޭޕަރު ލީކް ވެފައިވާއިރު އެ މަދަރުސާގެ ހިސާބު ޓީޗަރުގެ އަތެއް މިކަމުގައިވާ ކަމަށް އެ ރަށު ބައެއް މީހުން ވަނީ ތުމަތުކޮށްފަ އެވެ.