ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދާދިދެންމެ ހުކުމް ކޮށްފި އެވެ.

ނިހާންގެ މައްޗަށް އެ ހުކުމް އިއްވީ ދައުލަތުން އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ.

މާލޭގެ ނީލޯފަރު ގޯޅީގެ ސައިކަލެއްގެ މަތިން ފެނުނު ސައްޙަ ނޫން ކޯޓު އަމުރަކީ ނިހާންގެ ބައިވެރިވުމެއް އޮވެގެން ތައްޔާރުކުރި އެއްޗެއްކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމް އިއްވަވަމުން ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވި އެވެ.

އެކަން ސާބިތުނުވިޔަސް މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތަކާ ޚިލާފަށް ނިހާން ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ވައްދައި، އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ.

ހެކީންގެ ހެކިބަހުން އެކަން އެނގެން އޮންނައިރު، މާމިގިލީ ކޯޓުގެ ލެޕްޓޮޕުން، ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅޭ ގޮތުން ކޯޓު އަމުރެއް ތައްޔާރުކުރަން އުޅެފައިވާ ލިޔުމެއް ފެނިފައިވާކަން ދައުލަތުން ހުށަހެޅި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމާއި، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް ނިހާން މަސައްކަތް ކުރައްވާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާކަމަށް ވެސް ހުކުމްގައި ވެއެވެ.

އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު ވެސް ރޭ ވަނީ 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.

ނިހާނާއި މުތާޒަށް އިއްވީ ޓެރަރިޒަމްގެ އާ ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެވެ.