10 Jun 2016, 17:03
ވިލާތުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ސަރައްދީ ފުޓްބޯޅައިގެ ކޮލިފައިން ސިސްޓަމަށް މުޅިން އަލަށް ގެނައި ބަދަލާއެކު ވިލާތުގެ ގިނަ އަދަދެއްގެ ކުދި ގައުމުތަކުން ވަނީ، އޭގެ ފުރިހަމަ ފައިދާ ނަގައިފައެވެ. އެގޮތުން ޔޫރަޕިއަން ޗެމްޕިއަންޝިޕަށް މުޅިން އާ ފަސް ގައުމެއް މިފަހަރުގެ ޔޫރޯގައި ވާދަކުރާއިރު، ޔުއެފާއިން ވަނީ މުބާރާތުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް 24 ޓީމު ޔޫރޯގައި ކުޅޭގޮތަށް މުޅި އޮނިގަނޑު ބަދަލުކޮށްފައެވެ.
ކުރިން 16 ޓީމު ވާދަކުރަމުން ދިޔަ މުބާރާތަށް އަލަށް އިތުރުކުރި 8 ޖާގައާއެކު ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ވިލާތުގެ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ ނެދަލޭންޑްސް ފަދަ ގައުމުތައް ކަޓުވާލުމަށްފަހު، ކުދި ގައުމުތަކުން ވަނީ ކުރިއަށް ޖެހިލައިފައެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުން ނުވަތަ އެގައުމެއް ހިމެނޭ ސަރަހައްދީ ފެންވަރުގެ އެންމެ ބޮޑު މުބާރާތަށް ކޮލިފައި ވުމަކީ ހަމަ ގައިމުވެސް އޭގެ ކުރިން އެފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަ ކުރުމުގެ ޝަރަފް ނުލިބޭ ޓީމަކަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްކަން ކަށަވަރެވެ. 10 ޖޫން 2016 އިން 10 ޖުލައި 2016އަށް ވިލާތުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2016 ފްރާންސްގައި ބާއްވާއިރު އެ މުބާރާތަށް އަލަށް ކޮލިފައިވީ ޓީމު ތަކުގެ ވާހަކަ ދައްކާލުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މުބާރާތުގެ ވަނައަކަށް ނުދެވުނު ނަމަވެސް އެ ޓީމުތަކަކީ މިހާރުވެސް ފުރިހަމަ ކާމިޔާބީއަކާ ހަމައަށް އާދެވިފައި ތިބި ގައުމުތައް ކަމަށްވުމެވެ.
ޔޫރޯގައި މިފަހަރު މުޅިން އަލަށް ވާދަކުރާ ޓީމުތައް:
- އަލްބޭނިއާ
- އައިސްލޭންޑް
- ނޮދަރން އަޔަލޭންޑް
- ވޭލްސް
- ސްލޮވާކިއާ
އަލްބޭނިއާ

އަލްބޭނިއާ ޓީމް
"ލޯބިވާ ގިއާނީ" އެވެ. އަހަރެމެން ތިބާއަށް ޝުކުރުވެރިވާ މިންވަރު ދުލުންނާއި ގަލަމުން ވެސް ބަޔާންކޮށެއް ނުދެވޭނެ" އެވެ. މިއީ ޔޫރޯ 2016 އަށް މުޅިން އަލަށް އަލްބޭނިއާ ކޮލިފައިވުމުން އެކަމުގެ އުފަލުގައި އެގައުމުގެ ބޮޑުވަޒީރު އެޑީ ރާމާ އަލްބޭނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖިއޮވާންނި ޑި ބިއާސީއާ މުހާތަބުކުރައްވައި ވިދާޅުވި ބަސްފުޅެކެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައި ވީނަމަވެސް މީގެ ކުރީން ދުވަހަކުވެސް ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި އަލްބޭނިޔާ ވާދަކޮށްފައެއް ނުވެއެވެ. އަދި މިފަހަރުވެސް އެގައުމު ކޮލިފައިވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ކޮލިފައިން ބުރުގައި އަލްބޭނިޔާ ލައްވައިލީ ވަރުގަދަ ޕޯރޗްގަލާއި ޑެންމާރކް އަދި ސާބިޔާއާ އެއް ގްރޫޕެއްގައެވެ. އަލްބޭނިޔާ ކޮލިފައި ވެދާނޭކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ އެކަކުވެސް ނުދެކެއެވެ. ނަމަވެސް ކޮލިފައިންގައި ކުޅުނު އަލަތު މެޗުގައި އަލްބޭނިޔާ ވަނީ 7 ސެޕްޓެމްބަރ 2014 ގައި، ގަދަފަދަ ޕޯރޗްގަލްގެ އަމިއްލަ ދަނޑުގައި 1-0 އިން އެޓީމު ބަލިކޮށްފައެވެ. އަދި ޑެންމާރކާ ކުޅުނު ދެ މެޗު އެއްވަރުކޮށްފައެވެ.
ވަރުގަދަ ޓީމެއް ކަމަށްވާ ސާރބިޔާ އަތުން އަމިއްލަ ދަނޑުގައި، އިތުރު ވަގުތު ބައިކޮޅަށް ވަން ދެ ލަނޑުން، އަލްބޭނިޔާ ވީ ބައްޔެވެ. ނަމަވެސް މި ދެޓީމު ސާރބިޔާގައި ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މެޗު ހުއްޓައިލެވި، މައްސަލަ ނިމިގެންދިޔައީ އެއީ 3-0 އިން އަލްބޭނިޔާ މޮޅުވި މެޗެއް ކަމަށް ކޯރޓް އޮފް އާރބިޓްރޭޝަން ފޯ ސްޕޯރޓްސް އިން ކަނޑައަޅައިގެންނެވެ.
އައިސްލޭންޑް

އައިސްލޭންޑް ޓީމް
މިއީ މިފަހަރުގެ ޔޫރޯގައި ވާދަކުރާ އާބާދީ އެންމެ ކުޑަ ގައުމެވެ. ވިލާތު ފުޓްބޯޅައިގައި އައިސްލޭންޑްގެ މިސާލަކީ، އިނގިރޭސި ޕްރިމިއަރ ލީގު ނިމިދިޔަ ސީޒަންގައި އުފުލައިލި ލެސްޓަރ ސިޓީގެ މިސާލެވެ. ގާތްގަނޑަކަށް 324000 މީހުންގެ އާބާދީއެއް އޮންނަ، ވިލާތުގެ މި ކުޑަކުޑަ ގައުމުން މިފަހަރުގެ ޔޫރޯއާ ހަމައަށް ދަތުރުކުރީ، ގިނަ ބަޔަކު ހައިރާން ކުރުވަނިވި ނަތީޖާ ތަކަކާއެކުއެވެ. އައިސްލޭންޑްގެ ފުޓްބޯޅަ ކުރިއެރުވުމަށް އެގައުމުގައި ކުރިއަށް ގެންދާ ކޯޗިން ސްޓްރަކްޗާރއަކީ އެހެން ބައެއް ގައުމުތަށް ލަދުން އިސްޖަހައިލާން ޖެހޭފަދަ ފުރިހަމަ ނިޒާމެއްކަން ވަނީ ހާމަކޮށްދީފައެވެ. ކޯޗިން ދާއިރާއަށް ގިނަ ބަޔަކު ނެރުމަށްޓަކައި ކުދީންނަށް އެންމެ ޅައުމުރުން ފެށިގެން ތަމްރީނުތައް ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޔުއެފާ "އޭ" ނުވަތަ "ބީ" ލައިސަންސްގެ ގިނަ އަދަދެއްގެ ކޯޗުންތަކެއް އެގައުމުގައި އުފެދުމެވެ. އަދި އޭގެ ސަބަބުން ގިލްފީ ސިގުރްސަން ފަދަ، އެތަށް ޖީލަކަށް ދެމިގެންދާނޭފަދަ މޮޅެތި ފުޓްބޯޅަ ކުޅުންތެރީންތަކެއް އުފެދިގެން ދިއުމެވެ.
ދެންވެސް އޮތީ އައިސްލޭންޑްގެ ތަފާތު ވާހަކައެކެވެ. އެހެން ގައުމުތަކާ ޚިލާފަށް އައިސްލެންޑްގެ ހެޑްކޯޗުންގެ ގޮތުގައި ވެސް ދެ ކޯޗުން ތިބެއެވެ. އެއީ އުމުރުން 48 އަހަރުގެ ހައިމިއާ ހަލްގިމްސަންއާއި އުމުރން 67 އަހަރުގެ ލާރސް ލެގަރބެކް އެވެ. މީގެތެރެއިން ވެސް ލެގަރބެކްއަކީ ގައުމީ ބަޠަލެއްގެ ޝަރަފް ލިބިފައިވާ ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރީން ސްވިޑެންގެ ކޯޗުކަމުގައި 9 އަހަރު ހޭދަކޮށްފައެވެ. އަދި އޭގެ އިތުރުން ނައިޖީރިއާ ކޯޗެއްގެ ގޮތުގައިވެސް އޭނާ ހަރަކާތްތެރިވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު، ޔޫރޯ ކޮލިފައިންގައި ތަޖިކިސްތާންއާ ދެކޮޅަށް އައިސްލޭންޑް ކުޅުނު މެޗު، ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް އެ ނަތީޖާ ވެގެން ދިޔައީ އައިސްލޭންޑަށް ފުޓްބޯޅައިގެ ބޮޑު އީދެއް ގެނުވި ނަތީޖާއަކަށެވެ. އެއީ ޔޫރޯ 2016 ފްރާންސުން އައިސްލޭންޑަށް ޖާގަ ކަށަވަރުވެގެން ދިޔަ މެޗެވެ.
ނޮދަރން އަޔަލޭންޑް

ނޯދަރން އަޔަލޭންޑް ޓީމް
އިނގިރޭސި ރަސްކަމަށް ނިސްބަތްވާ ނޮދަރން އަޔަލޭންޑަކީ ވިލާތު ފުޓްބޯޅަ މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ގައުމެއް ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. އެގޮތުން ގާތްގަނޑަކަށް 1.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޮދަރން އަޔަލެންޑުން ވަނީ ފީފާ ވޯލްޑް ކަޕަށް ތިން ފަހަރެއްގެ މަތިން ކޮލިފައިވެ، ދެފަހަރު އެ މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ވާދަކޮށްފައެވެ. އެއީ ވޯލްޑް ކަޕް 1958 އާއި ވޯލްޑް ކަޕް 1982 އެވެ.
ނޮދަރން އަޔަލޭންޑުގެ ކޯޗު މައިކަލް އޯނިއެލް 2011 ވަނަ އަހަރު އެ މަގާމާ ހަވާލުވުމަށްފަހު ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގެ ތެރޭން ނޯވޭ އަތުން 3-0 ލަނޑުން އަދި ހޮލެންޑު އަތުން 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމާގުޅިގެން އޭނާގެ ކުރިމަގާ މެދު އެތަށް ބަޔަކު އޭރު ސުވާލުއުފެއްދިއެވެ. އެހެން ނަމަވެސް، އޭނާ ވަނީ އޭނާ ކޯޗުކޮށްދޭ ގޮތާމެދު މީހުން ދެކެމުން އައި ގޮތް ކުޑަ ދުވަސްކޮޅެއްގެ ތޭރެގައި ބަދަލުކޮށް ކާމިޔާބީއާ ދިމާއަށް މިސްރާބު ޖަހައިފައެވެ.
ކޮލިފައިންގައި ނޮދަރން އަޔަލެންޑް ލައްވާލީ ރޫމޭނިއާ އާއި، ހަންގޭރީ އާއި، ފިންލެންޑާއި، ފެރޯ އައިލެންޑްސް އަދި ގްރީސް އާއެކު ގްރޫޕް އެފްގައެވެ. ކޮލިފައިންގައި ނޮދަރން އަޔަލެންޑް ކުޅުނު ދިހަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އިރު، ތިން މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފައެވެ.
ދެން އޮތީ ބޮޑު ސުވާލެވެ. ފްރާންސްގައި ބާއްވާ ޔޫރޯ 2016ގައި "ލެސްޓަރ ސިޓީ"ގެ ނަމޫނާ ނޮދަރން އަޔަލެންޑަށް ދެއްކިދާނެތޯ ކުރެވޭ ސުވާލެވެ.
ޔޫރޯ ކޮލިފައިންގައި އާދައިގެ ޓީމުތަކަކާ ކުޅެން ޖެހުނު ކަމަށްވީ ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ނޮދަރން އަޔަލެންޑު ވަނީ އެޓީމުގެ ފެންވަރު ދައްކާލައިފައެވެ. އަދިއެހެންކަމުން މައިކަލް އޯނިއެލްގެ އިރުޝާދުގެ ދަށުން، އަލަށް ނަމަވެސް ނޮދަރން އަޔަލޭންޑް މިފަހަރުގެ ޔޫރޯއަށް ނުކުމެތިބީ ހިތްވަރާއި ފަންވަރާއެކު ފްރާންސްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ ޖޯޝާއި ފޯރީގައެވެ.
ވޭލްސް

ވޭލްސް ޓީމް
ވޭލްސް އަކީ ވެސް އިނގިރޭސި ވިލާތުގެ ބައެކެވެ. އާބާދީގައި ތިން މިލިއަނެއްހާ މީހުން ދިރިއުޅޭ ވޭލްސްއަކީ ފުޓްބޯޅައަށް އާ ގައުމެއް ނޫނެވެ. ރަޔަން ގިގްސް ފަދަ ތަރީން އުފެއްދި ވޭލްސްގެ ޓީމަށް މިހާރު ކުޅޭ ކުޅުންތެރީންގެ ތެރޭގައި ގެރެތު ބޭލް، އާރޮން ރަމްސީ، ޖޯ އެލަން، އެންޑީ ކިންގް ފަދަ ނަންތަކަކީ މިހާރުވެސް ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅައިގައި ވޭލްސްގެ ރަމްޒުތަކެވެ.
ވޭލްސްގެ ކުރީގެ ފުޓްބޯޅަ ތަރި އަދި ފަހުން ގައުމީ ޓީމުގެ ކޯޗުކަންކުރި ޖިމީ މާފީގެ އިރުޝާދުގެ ދަށުން 1958 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅުނު ވޭލްސް، ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތަކަށް ކޮލިފައިވެފައި މިވަނީ ބޮޑު ފުޓްބޯޅަ މުބާރާތެއްގެ ރަހަ ނުދެކޭތާ 58 އަހަރަށް ފަހުއެވެ. ޔޫރޯއަށް ކޮލިފައިވުން އެގައުމުގެ އެކިކަންކޮޅުތަކުގައި އެކަމުގެ އުފާފާޅުކުރުން އެތައް ދުވަހަކަށް ދެމިގެންދިޔައެވެ.
މިހާރު އެގައުމުގެ ކޯޗު ކްރިސް ކޯލްމަންގެ އިރުޝާދުގެ ދަށުން ޔޫރޯ 2016ގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޔޫރޯ ކޮލިފައިންގައި ވޭލްސް ވަނީ، ވަރުގަދަވަމުން އަންނަ ޓީމެއްގައި ހުންނާންޖެހޭ ހުރިހާ ސިފަތަކެއް ދައްކުވައިދީފައެވެ.
ކޮލިފައިންގައި ވޭލްސް ލައްވާލީ ބެލްޖިއަމް އާއި، ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އާއި، އިޒްރޭލާއި ސައިޕްރަސް އަދި އެންޑޯރާއާއެކު ގްރޫޕް ބީގައެވެ. ޔޫރޯއަށް ވޭލްސް ކޮލިފައިވީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ. ވޭލްސް ކުޅުނު ދިހަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ވޭލްސް ބަލިވީ ބޮސްނިއާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުންނެވެ.
ސްލޮވާކިއާ

ސްލޮވާކިއާ ޓީމް
ވިލާތުގެ މެދުތެރޭ ސަރަހަށްދުގައި ޗެކް ރިޕަބްލިކާއި އޮސްޓްރިއާގެ ހުޅަނގުން އޮންނަ ސްލޮވާކިއާއަކީ ވެސް ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ގައުމެކެވެ. އާބާދީއަކީ ގާތްގަނޑަކަށް 5.4 މިލިއަން މީހުން ދިރިއުޅޭ މި ގައުމަކީ ވިލާތުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގައި މީގެ ކުރީން މާބޮޑު ކުރިއެރުންތަކެއް ދެއްކިފައިވާ ގައުމަކަށް ނުވި ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. ޖަޕާނާއި ކޮރެއާގައި އޮތް 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްލޮވާލިއާ ދެއްކި ފާހަގަކޮށްލެވޭ ކުޅުންމަތީން އަދިވެސް ގިނަބަޔަކު ހަނދާން ހުންނާނޭކަން ޔަގީނެވެ. އެފަހަރު ޕެރަގުއޭ އާއި، ނިއު ޒިލޭންޑް އަދި އިޓަލީއާއެކު ގްރޫޕު އެފްގައި ހިމެނި، އެ މުބާރާތުގެ ގަދަ 16 އަށް ސްލޮވާކިއާ ދަތުރުކުރީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ.
މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ސްލޮވާކިއާ ލައްވާލީ ސްޕެއިން އާއި، ޔޫކްރޭނާއި، ބެލަރޫސް އާއި، ލަގްޒެމްބާގް އަދި މެސެޑޯނިއާ އާއެކު ގްރޫޕު ސީ ގައެވެ. ޔޫރޯއަށް ސްލޮވާކިއާ ކޮލިފައިވީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ. އެއްވަނައިގެ ގޮތުގައި ކޮލިފައިވީ ސްޕެއިން އެވެ.
ކޮލިފައިންގައި ސްލޮވާކިއާ ކުޅުނު ދިހަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗުން އެއްވަރުވެފައިވެ އެވެ. ސްލޮވާކިއާ ބަލިވީ ރަށުން ބޭރުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުންނާއި، އަމިއްލަ ދަނޑުގައި ބެލަރުސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ސްލޮވާކިއާގެ ކޯޗުކަމަށް 2013 ވަނަ އަހަރު ހަމަޖެހުނު ޗެކްސްލަވާކިއާގެ ޔޭން ކޮޒަކް ވަނީ، އެޓީމާ ހަވާލުވުމަށްފަހު ކުރިން ހީވެސް ނުކުރާފަދަ ކުރިއެރުންތަކެއް އެޓީމަށް ހޯދައިދީފައެވެ. 1981 ވަނަ އަހަރު ޗެކްސްލޮވާކިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޭން ކޮޒަކް ވަނީ އޭނާގެ ތަޖްރީބާގެ އަލީގައި ސްލޮވާކިއާއަކީ މިފަހަރުގެ ޔޫރޯގައި އިދިކޮޅު ޓީމުތަކަށް އެންމެ ވަރުގަދަ ރައްދެއް ދޭނޭ ޓީމުގެ ގޮތުގައި ސިފަކޮށްދީފައެވެ.
ސްލޮވާކިއާގެ މިފަހަރުގެ ޓާގެޓަކީ، ކޮޒަކްގެ ތަޖްރިބާއާ އިރުޝާދުގެ އަލީގައި، ލިވަޕޫލްގެ މާޓިން ސްކާޓެލް، ނަޕޯލީގެ މަރެކް ހަމްސިކް އަދި އޭސީ މިލާންގެ ޔުރަކް ކުކާ ފަދަ ކުޅުންތެރީންގެ ހުނަރާއި ފަންވަރުގައި، ޔޫރޯގެ އަލަތު ތަޖްރިބާވެސް މުބާރާތުގެ ގަދަ 16އާ ހަމައަށް ދަތުރުކޮށްގެން ފުރިހަމަކުރުމެވެ.
މިއީ ޔޫރޯގައި މުޅިން އަލަށް މިފަހަރު ވާދަކުރާ ފަސް ޓީމުގެ ވާހަކަތަކެވެ. ކުރިން ކޮންމެ ގޮތަކަށް ސިފަކުރެވިފައިވީ ނަމަވެސް ފާހަގަކުރެވުނު ފަސް ގައުމަކީވެސް ފްރާންސްގައި، މިފަހަރުގެ ޔޫރޯގައި ހީވެސް ނުކުރާ ފަދަ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެވޭފަދަ ފެންވަރާއި ގާބިލްކަން ހުރި ޓީމްތައްކަން އެ ޓީމުތަކުން ވަނީ މިހާތަނަށް ސާބިތުކޮށްދީފައެވެ. އެހެންނަމަވެސް ހަގީގީ ފެންވަރު އެނގިގެން ދާނީ ފްރާންސްގައި 10 ޖޫން 2016 އިން 10 ޖުލައި 2016 އަށް ކުރިއަށްދާ މުބާރާތް ނިމުމުންނެވެ.