އދ. މަޖިލިސް (ޖޫން 10) : ހަނގުރާމައިގެ ސަބަބުން ހިސާރުކޮށްފައިވާ ސީރިޔާގެ ރަށެއްކަމަށްވާ ދަރާޔާއަށް އިންސާނީ އެހީގެ ޝިޕްމަންޓްތަކެއް އދ. ން ފޯރުކޮށްދީފިއެވެ.

އދ. ގެ ތަރްޖަމާނެއްކަމަށްވާ ޔެންސް ލެރިކާ ވިދާޅުވީ ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ސާފުތާހިރުވާ ތަކެއްޗާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަރާޔާއަށް ދަތުރުކުރި ލޮރީތައް އެރަށަށް ވަދެފައިވާ ކަމަށާ ދެންއޮތީ އެހީގެ ތަކެތި އާންމުންނަށް ބެހުން ކަމުގައެވެ.

ދަރާޔާއަކީ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ރަށެކެވެ. އެރަށުގައި ސާފުބޯފެނާއި ނަރުދަމާގެ ނިޒާމެއް ނެތެވެ. އަދި ކަރަންޓާއި އިންޓަނެޓްގެ ޚިދްމަތުންވެސް އެރަށުގެ ރައްޔިތުންވަނީ މަހްރޫމް ވެފައެވެ. ދަރާޔާގެ ގިނަރައްޔިތުން ހަނގުރާމައިގެ ސަބަބުންވަނީ ރެފިއުޖީންގެ ގޮތުގައި އެރަށުން ނުކުމެގެން ގޮސްފައެވެ. މިހާރު އެރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް ތިންހާހެއްހާ މީހުން ކަމަށްވެއެވެ. ކުރިން އެރަށުގައި 90 ހާސް މީހުން ދިރިއުޅުނެވެ.

ދަރާޔާގެ އާންމުން

އދ. ން އެރަށް ފޯރުކޮށްދިން އިންސާނީ އެހީގެ ތަކެތިން އެއްމަސްދުވަހު އެރަށުގެ ރައްޔިތުންނަށް ބަނޑަށް ނުޖެހި އުޅެވޭނެކަމަށް އދ. ގެ ތަރްޖަމާން ޔެންސް ލެރިކާ ވިދާޅުވިއެވެ. ދަރާޔާގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށް ނުދޭތާ މިހާރުވަނީ ހަތަރު އަހަރުވެފައެވެ. އެންމެފަހުން އެރަށަށް އިންސާނީ އެހީގެ ގާފިލާއެއް ގޮސްފައިވަނީ 2012 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ދަރާޔާއަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ފުރްސަތު ސީރިޔާގެ ސަރުކާރުން ދީފައިމިވަނީ އެކަމަށް އދ. ން އެދެމުން ގެންދާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. ސީރިޔާގެ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ދަރާޔާގެ ރައްޔިތުންވެސް މި ބަރަކާތްތެރި ރަމަޟާން މަހުވެސް އުޅެންޖެހިފައިވަނީ ހައިހޫނުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައެވެ. މިގޮތުން ދަރާޔާގެ ކުދިންވަނީ ކާޑުބަލީގެ ޝިކާރައަކަށްވެ ސިއްޙީ ޚިދްމަތްތަކުން މަހްރޫމްވެފައެވެ. އަދި އެމީހުން ދިރިއުޅެން ޖެހިފައިވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެ ވީރާނާވެފައިވާ ގެތަކުގައެވެ. (ރޮއިޓާސް)