16 May 2011, 16:37
ރިޝްވަތުގެ ގޮތުގައި ދިން 10،000ރ. ނަގައި ރަށުގެ ރަޖިސްޓްރީން މީހެއްގެ އުމުރު ބަދަލު ކުރި މައްސަލައިގައި ނ. ވެލިދޫ ކުޑަ ކަތީބު އިބްރާހިމް ޒަކީ ދެ އަހަރަށް އަރުވާލުމަށް އެ އަތޮޅު މަނަދޫ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަނަދޫ ކޯޓުން ވަކިވަކިން ކުރި ދެ ހުކުމެއްގައި ބުނެފައި ވަނީ ވަނީ ވެލިދޫ، ވެލާނާގޭ، އަބްދުއްލަތީފް އައްބާސްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައެއްގައި އޭނާއަށް އަތުވެދާނެ ހުކުމަކަށްޓަކައި އޭނާގެ އުމުރު ހަގު ކުރުމަށް އަބަދުއްލަތީފްގެ ބޭބެ މުހައްމަދު އައްބާސް ކުޑަ ކަތީބަށް ރިޝްވަތު ދިންކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި އައްބާސް ދިން 10،000ރ. ހިފައިގެން ރަށު އޮފީހުގައި އޮންނަ "ގޭގޭ މީހުންގެ ރަޖިސްޓްރީ" އިންނާއި "ރަށްވެހީންގެ ރަޖިސްޓްރީން" އަބްދުއްލަތީފްގެ އުމުރު، ކުޑަ ކަތީބު އިބްރާހިމް ޒަކީ ބަދަލުކޮށްފައިވާކަން ހެކިބަހުންނާއި ގަރީނާތަކުން ސާބިތުވާ ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ކުޑަ ކަތީބުގެ މައްޗަށް ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ޝައްކެއް ނެތް މިންވަރަކަށް ޝަރީއަތަށް ސާބިތުވާތީ ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ށ. ގެ ދަށުން އޭނާ ދެ އަހަރަށް އަރުވާލުމަށް ހުކުމް ކުރާ ކަމަށެވެ.
މީގެ އިތުރުން ކުޑަ ކަތީބަށް ރިޝްވަތު ދިންކަން ވަނީ މުހައްމަދު އައްބާސްގެ މައްޗަށް ވެސް ސާބިތުވެފަ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ އައްބާސް ރިޝްވަތު ދިންކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމާ ބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ ށ. ގެ ދަށުން އޭނާ ހަތަރު އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމް ކުރި ކަމަށެވެ.