10 Jun 2016, 15:02
ނިއުދިއްލީ (ޖޫން 10) : އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ފަސްގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
މޯދީގެ ހަ ދުވަހުގެ މިދަތުރުފުޅުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވީ އެމެރިކާގައެވެ. އެމެރިކާގެ އިތުރުން މޯދީ ދަތުރުފުޅު ކުރެއްވި ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ގަތަރު، ސްވިސްޓަރލޭންޑް، އެމެރިކާ އަދި މެކްސިކޯ ހިމެނެއެވެ. މިދަތުރުފުޅުގައި މޯދީ އެމެރިކާގައި ދެދުވަސްބައި ހޭދަކުރެއްވިއެވެ. މިމުއްދަތުގައި އޭނާ ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެމެރިކާގެ ބައެއް ވިޔަފާރިވެރިންނާ އަދި ބޮޑެތި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ އިންވެސްޓްމަންޓްތައް އިންޑިޔާއަށް ހޯދުމާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

މޯދީ ގަތަރުގައި
މީގެއިތުރުން ކޮންގްރެސްގެ ދެ ގެ ހިމެނޭ ގޮތަށް ބޭއްވި ޖަލްސާއެއްގައި މޯދީ ތަގްރީރު ކުރެއްވިއެވެ. މޯދީ ދަތުރުފުޅު ފެއްޓެވީ އަފްޣާނިސްތާނުންނެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީއާއެކު މޯދީ މަޝްވަރާ ކުރެއްވީ އަފްޣާނިސްތާނަށް ސުލްހަ ގެނެވޭނެ ގޮތްތަކާބެހޭގޮތުންނާ އަދި އަފްޣާނިސްތާނުގެ އިންފްރާސްޓްރަކްޗަރ ދާއިރާގައި އިންޑިޔާއިން ބައެއް އިންވެސްޓްމަންޓްތައް ކުރުމާބެހޭގޮތުންނެވެ. ގަތަރަށް ކުރެއްވި ދަތުރުފުޅުގައި މޯދީވަނީ ގަތަރުގެ އިންވެސްޓްމަންޓްތައް ހޯދުމާބެހޭގޮތުން އެގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދާ ބައްދަލުކުރައްވައި ވާހަކަ ދައްކަވާފައެވެ.

މޯދީ މެކްސިކޯގެ ރައީސްގެ އަރިހުގައި
ސްވިސްޓްޒލޭންޑަށާއި މެކްސިކޯއަށް މޯދީ ކުރެއްވީ ވަރަށް ކުރު ދަތުރުފުޅެކެވެ. ސްވިސްޓްޒަލޭންޑްގައި އަށްގަޑީއިރު މަޑުކުރެއްވިއިރު މެކްސިކޯގައިވެސް މަޑުކުރައްވާފައިވަނީ ހައެއްކަ ގަޑީއިރެވެ. (ނޫސްއެޖެންސީތައް)