އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ އިން އުރުގުއޭ ކަޓުވާލުމަށްފަހު، ވެނެޒުއޭލާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އެމެރިކާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި އުރުގުއޭ އަތުން ވެނެޒުއޭލާ ކުރި ހޯދީ 1-0 ލަނޑުންނެވެ.

ކޮޕާ އެމެރިކާގައި ވެނެޒުއޭލާ އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވެނެޒުއޭލާ --- ފޮޓޯ: އޭޕީ

އެ ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވެނެޒުއޭލާ އަށް ހަ ޕޮއިންޓް ލިބުނު އިރު، އުރުގުއޭ އަށް ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ޖެމެއިކާ އަތުން މޮޅުވެ، މެކްސިކޯ އިން ވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. ގޯލުގެ ތަފާތުން ގްރޫޕުު ސީގެ އެއްވަނައިގައި އޮތް މެކްސިކޯ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ބައިވެރި ނުވެވުނު އުރުގުއޭގެ ލުއިސް ސުއަރޭޒް، ރޭގެ މެޗުގައި ވެސް ކުޅެފައެއް ނުވެ އެވެ. ބަދަލު ކުޅުންތެރިންގެ ތެރޭގައި ސުއަރޭޒް ނުހިމެނުނު ނަމަވެސް، އުރުގުއޭގެ ބެންޗުގައި އޭނާ އިނެވެ. މެޗުން އުރުގުއޭ ބަލިވުމުން އޭނާގެ ފަރާތުން ރުޅިވެރިކަމުގެ ހަރަކާތްތަކެއް ވެސް ފެނިގެންދިޔަ އެވެ.

މެޗުގެ 10 ވަނަ މިނެޓުގައި އުރުގުއޭ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެނެޒުއޭލާގެ އޮސްވާލްޑޯ ވިޒްކަރޮންޑޯ އަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން އެޑިންސަން ކަވާނީ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ވެނެޒުއޭލާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ރޮންޑޮން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަލަހެންޑްރޯ ގުއެރާ ފޮނުވާލި ހަމަލާ، އުރުގުއޭ ކީޕަރު ފެނާންޑޯ މުސްލޭރާ މަތަކުރުމާއެކު ގޯލުގެ ހުރަސް ދަނޑީގައި ޖެހި ލިބުނު ރީބައުންސް ބޯޅައިންނެވެ.

ކޮޕާ އެމެރިކާގައި ވެނެޒުއޭލާ އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވެނެޒުއޭލާ --- ފޮޓޯ: އޭޕީ

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެސް ވެނެޒުއޭލާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އުރުގުއޭގެ ޑިއޭގޯ ގޮޑިން އާއި ހޯސޭ ޖިމެނޭޒް ކައިރިން ނައްޓާލުމަށްފަހު ގުއެރާ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މުސްލޭރާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ވެނެޒުއޭލާ ކުރީގައި އޮވެގެންނެވެ.

މެޗު ނިމެން ދަނިކޮށް، އުރުގުއޭ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ފުރުސަތާއި ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކަވާނީ އަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ހިފިފައެއް ނުވެ އެވެ.

އޮރިބޭ ޕެރަލްޓާ ކާމިޔާބުކުރި ލަނޑަށްފަހު، މެކްސިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ: ކޮޕާ އެމެރިކާގައި ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗުން މެކްސިކޯ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

ގްރޫޕް ސީގައި މިއަދު ހެނދުނު ޖެމެއިކާގެ މައްޗަށް މެކްސިކޯ ކުރި ހޯދީ 2-0 ލަނޑުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޖީސަސް ކޮރޯނާ ނަގައިދިން ހުރަހަކުން މެކްސިކޯ އަށް ލީޑު ހޯދައިދިނީ ހާވިއާ ހެނާންޑޭޒް އެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި ހެކްޓާ ހެރޭރާ ދިން ބޯޅައަކުން މެކްސިކޯ އަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އޮރިބޭ ޕެރަލްޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ތިން މިނެޓު ނުވަނީހެވެ.