10 Jun 2016, 14:17
ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާގެ ހުކުމް މިރޭ އިއްވަން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މިރޭ 10:00 ގައި އެ މައްސަލައިގެ ހުކުމް އިއްވުމަށެވެ.
ނިހާންގެ މައްޗަށް އިތުރު ތިން ދައުވާ ދައުލަތުން އުފުލާފައިވީނަމަވެސް މިރޭ ހުކުމް އިއްވަނީ ޓަރަރިޒަމްގެ ދައުވާ އަށް އެކަންޏެވެ.
އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީން ވަނީ ނިހާނާ ދެކޮޅަށް ހެކިބަސްދީފަ އެވެ.
ހެކިބަސް ދިން މީހުން ބުނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މާލެއިން ފުރައިގެން ލޯންޗެއްގައި މާމިގިއްޔަށް ވަޑައިގެން އެރަށު ކޯޓު ހުޅުވައި ނިހާނާ އެކު އެ ކޯޓު ތެރޭގައި އުޅެފައިވާ ކަމަށެވެ. އަދި ކޯޓު ހުޅުވަންވެގެން ނިހާން އެ ރޭ ކޯޓުގެ ތަޅުދަނޑި ހޯދި ގޮތް ވެސް ހެކީން ވަނީ ކިޔައިދީފަ އެވެ.
އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމް ކޮށްފަ އެވެ.