10 Jun 2016, 14:12
އަމިއްލަ ދަރިފުޅަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ގދ. މަޑަވެލިން އަންހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ އަންހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަންހެން މީހާ އަނިޔާ ކޮށްފައި ވަނީ އޭނާގެ 11 އަހަރުގެ ދަރިފުޅަށް ކަމަށް ފުލުހުން ބުންޏެވެ. މިހާރު އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަޑަވެލި ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ އަންހެން މީހާ، އޭނާގެ ދަރިފުޅަށް އަނިޔާކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.
މައްސަލަ ރިޕޯޓު ކުރުމުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބެލި ބެލުމުން، އެކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަން ފާހަގަވި ކަމަށް ކައުންސިލުން ބުންޏެވެ.
އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެކުއްޖާ އަށް ލިބިފައި ހުރި އަނިޔާތަކުގެ ސީދާ ތަފްސީލް ލިބިފައި ނުވި ނަމަވެސް، އަނގަމަތި ފަޅައިގެން ގޮސް އަތަށް ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އެ އަންހެން މީހާގެ އިތުރު ތިން ކުދިން ވެސް ތިބޭ ކަމަށާއި، އެކުދިން މިހާރު ތިބީ އެކުދިންގެ މާމަ ގާތުގައި ކަމަށް ކައުންސިލުން ބުންޏެވެ.