10 Jun 2016, 13:26
ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
މުހުތާޒުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރޭ އިއްވި ހުކުމަށް ބަލާއިރު އިސްތިއުނާފު ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.
މުހްތާޒުގެ މައްޗަށް ރޭ 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ވުމުންނެވެ.
މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދެ ދައުވާއަށް މިރޭ ހުކުމްއިއްވާފައެއް ނުވެއެވެ.
މުހުތާނަށް އިއްވާފައި ވަނީ ޓެރަރިޒަމްގެ އާ ގާނޫނުގެ ދަށުން އެ ކުށަށް ކަނޑައެޅިފައިވާ އެންމެ ލުއި އަދަބެވެ.
ހުކުމް އިއްވުމަށް ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުލް ބާރީ ޔޫސުފު ވިދާޅުވީ، މާފުށީ ކޯޓުގެ ނަމުގައި ތައްުޔާރުކޮށް މާލޭގެ ނިލޯފަރު ގޯޅީގެ ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި ބާއްވާފައި އޮތް ރައީސް ޔާމީން ހައްޔަރުކުރުމަށް ތައްޔާރުކޮށްފައި އޮތް ސައްހަނޫން ކޯޓު އަމުރު ތައްޔާރުކޮށްފައި ވަނީ، މުހްތާޒުގެ ބައިވެރިވުން އޮވެގެން ކަން ޝަރީއަތަށް ސާބުތު ނުވާ ކަމަށެވެ. ނަމަވެސް މާލޭން ފުރައިގެން އދ. މާމިގިއްޔަށް ވަޑައިގެން އެރަށު ކޯޓު ހުޅުވައި އެކޯޓުގެ ތެރޭގައި ހުރި ލެޕްޓޮޕްގެ ކައިރީގައި މުހްތާޒާއި އެ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން ހުންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނައިރު، ރައީސް ޔާމީން ހައްޔަރުކުރުމަށް ތައްޔާރުކުރަން ފަށާފައިވާ ކޯޓުއަމުރެއް ކަމަށް ދައްކުވައިދޭ ލިޔުމެއް އެކޯޓުގެ ލެޕްޓޮޕުން ފެނިފައިވާކަމަށް ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުން އެނގެން އޮންނަކަމަށް ގާޒީ ވިދާޅުވިއެވެ.
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމާއި، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް މުހްތާޒް މަސައްކަތް ކުރައްވާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާކަމަށެވެ.