އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވައި އެ ޕްރައިމަރީގެ ނޮމިނޭޝަން ކާމިޔާބު ކުރެއްވި، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އަށް ތާއީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޯބާމާ ވިދާޅުވެއްޖެ އެވެ.

ހިލަރީ އަށް ތާއީދު ކުރައްވާކަން އޮބާމާ ހާމަކުރެއްވީ ހިލަރީ އާ ވާދަކުރައްވާ ބާނީ ސެންޑާސް އާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އޮބާމާ ވިދާޅުވީ ހިލަރީ އަކީ ރައީސް ކަމަށް އެންމެ ގާބިލު ކެންޑިޑޭޓު ކަމަށެވެ.

"އަޅުގަނޑު މި ހުރީ ހިލަރީ އާއެކު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހިލަރީ އަކީ ރައީސެއްގެ އޮފީސް ބެލެހެއްޓުމަށް ތާރީހު ދުށް އެންމެ ގާބިލް ބޭފުޅާ. ހިލަރީގެ ހިތްވަރާއި ރޫހު އެބަހުރި. ހިލަރީގެ ނިންމުންތައް އަޅުގަނޑު ދެކެފިން. ހިލަރީގެ ހިތްވަރުގަދަކަން ދެކެފިން. ހާއްސަކޮށް އެމެރިކާގެ ކޮންމެ ރައްޔިތަކަށް ހަމަހަމ ފުރުސަތުތަކެއް ހޯދައިދިނުމަށް ހިލަރީ ކުރައްވާ މަސައްވެސް ވަރަށް ގާތުން ދެކެފިން،" އޮބާމާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވީ، އޮބާމާގެ ތާއީދު ލިބުމަކީ ލިބުނު އެންމެ ބޮޑު އުފާ އަދި ހިތްވަރު ކަމަށެވެ.

އޮބާމާގެ އިތުރުން އެމެރިކާގެ ސެނޭޓާ އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު އެލިޒަބަތު ވޮރެން ވެސް ވަނީ ހިލަރީ އަށް ތާއީދު ކުރައްވައިފަ އެވެ.

"އަހަރެން މި ހުރީ ހިލަރީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް. އަދި ޑޮނާލްޑް ޓްރަމްޕް އަށް ދުވަހަކު ވެސް ވައިޓް ހައިސް އާއި ކައިރި ނުވެވޭނެ ކޮންމެ މަސައްކަތެއް ކުރުމަށް އަހަރެން މި ހުރީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

އެލިޒަބަތު ވޮރެން --

ޕާޓީގެ ކެންޑިޑޭޓް ހޯއްދަވަން ޖެހޭ 2،383 ޑެލިގޭޓް ވޯޓް ހިލަރީ ހޯއްދަވާފައި ވީނަމަވެސް ރަސްމީކޮށް އެކަން އިއުލާން ކުރާނީ އަންނަ މަހު ބާއްވާ ކޮންވެންޝަނުގަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހިލަރީ އަށް ލިބިވަޑައިގެންފި ނަމަ އެކަން ވާނީ އެމެރިކާގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ރޭހަށް ނުކުންނަވާ ފުރަތަމަ އަންހެން ކެންޑިޑޭޓަށެވެ.

އެމެރިކާގެ ފުރަތަމަ އިންތިހާބީ ރައީސަކީ ޖޯޖު ވޮޝިންގްޓަން އެވެ. އެއީ 1789 ވަނަ އަހަރެވެ. އޭގެ ފަހުން އެމެރިކާގައި 44 ބޭފުޅުން ވެރިކަން ކުރެއްވި އިރު، މުޅިން ވެސް ރައީސްކަން ކުރެއްވީ ފިރިހެން ބޭފުޅުންނެވެ. އަދި ބަރަކް އޮބާމާ ފިޔަވައި މުޅިން ވެސް ދޮން ނަސްލުގެ ބޭފުޅުންނެވެ. ހިލަރީ ކްލިންޓަން މި ވަނީ ތާރީހުގެ ތެރެ އަށް ވެންނެވުމުގެ މަގުމަތީގަ އެވެ. އެއީ އެމެރިކާގެ ނޮމިނޭޝަން ކާމިޔާބު ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ އޭނާ ކަމަށްވާތީ އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ރޭހުގައި ވެސް ހިލަރީ ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެ ފަހަރު ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ބަރަކް އޮބާމާ އެވެ. އެ އަށް ފަހު އޮބާމާގެ ފުރަތަމަ ހަތަރު އަހަރުގެ ސްކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވީ ހިލަރީ އެވެ.

ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަން ވެސް ވަނީ އެމެރިކާގެ ރައީސްކަން ދެ ދައުރު ކުރައްވައިފަ އެވެ. (ބީބީސީ)