ކޯސްޓް އޯޕަން ރަމަޟާން ކްރިކެޓް ކާނިވަލުގައި އިއްޔެ ކުޅުނު މެޗުތަކުން ކިޗަން ކުއީން އާއި އޯލް އެޗް މޯލްޑިވްސް މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އެމްޓީސީސީއާ ވާދަކޮށް ކިޗަން ކުއީން މޮޅުވީ 75 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި ލެއިޝާ ކާގޯގެ މައްޗަށް އޯލް އެޗް މޯލްޑިވްސް ކުރި ހޯދީ 39 ލަނޑުންނެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގެ ޓޮސް ދިމާވެގެން ކިޗަން ކުއީނުން ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމުން ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 121 ލަނޑު ހެދި އެވެ. ޖަވާބުގައި އެމްޓީސީސީން ކުޅެން އަރައި، ހަތް އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 46 ލަނޑެވެ.

ކޯސްޓް އޯޕަން ރަމަޟާން ކްރިކެޓް ކާނިވަލުގެ ތެރެއިން --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިއްޔެ ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވެގެން އޯލް އެޗް މޯލްޑިވްސް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެން އަރައި، 115 ލަނޑު ހެދި އެވެ. ޖަވާބުގައި ލެއިޝާ ކާގޯ އިން ކުޅެން އަރައި، ހެދުނީ 76 ލަނޑެވެ.

މިދިޔަ އަންގާރަ ދުވަހު ފެށުނު އެ މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރާ އިރު، އެ ޓީމުތައް ހަތަރު ޕޫލް އަކަށް ވަނީ ބަހާލައިފަ އެވެ. ޕޫލް އެކެއްގައި ހިމެނެނީ ޓީބީއައިއެސް އާއި، ރިވާސް ބާބާ އަދި ސޮފާޒް އެވެ. ޕޫލް ދޭއްގައި ޓީމް އިގްޒިޓޯ އާއި، މާލޭ ސްޕޯޓްސް ކްލަބު އަދި އެމްޕީއެލް އެސްއާރްސީ ހިމެނޭ އިރު، ޕޫލް ތިނެއްގައި ހިމެނެނީ ކިޗަން ކުއީން އާއި، އެމްޓީސީ އަދި ގެރެވި އެވެ. ޕޫލް ހަތަރެއްގައި ހިމެނެނީ އޯލް އެޗް މޯލްޑިވްސް އާއި، ލެއިޝާ ކާގޯ އަދި ވަން އޯ ވަން އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޯސްޓް އޯޕަން ރަމަޟާން ކްރިކެޓް ކާނިވަލު، އަންނަ މަހުގެ އެއް ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.