އާއިލާގެ ނުރުހުމުގައި، ފިލައިގެން ގޮސް ކައިވެނި ކުރި 18 އަހަރުގެ ޕާކިސްތާނު އަންހެން ކުއްޖެއްގެ ގައިގައި ރޯކޮށް، އޭނާ މަރާލައިފި އެވެ.

ޒީނަތު ރަފީގް މަރާލާފައި ވަނީ އޭނާގެ މަންމަ އާއި ބޭބެ ކަމަށް ހަބަރުތައް ބުނެ އެވެ.

އުމުރުން 19 އަހަރުގެ ހަސަން ހާން އާއި ޒީނަތު ކައިވެނިކޮށްފައި ވަނީ މީގެ 11 ދުވަސް ކުރިންނެވެ. ގިނަ ދުވަސް ތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ދެ މީހުން ކައިވެނި ކުރީ އާއިލާ އަށް ފިލައިގެން، ސިއްރުންނެވެ.

ހަސަން ކިޔައިދީފައިވާ ގޮތުން، ދެމީހުން ކައިވެނި ކުރިތާ ތިން ވަނަ އަށް ވީ ދުވަހު، ކުޑަ ދުވަސްކޮޅަކަށް ޒީނަތު އަނބުރާ ގެއަށް ދިއުމަށް އޭނާގެ އާއިލާ އިން ވަނީ އެދިފަ އެވެ. އަދި ދެމީހުން ކައިވެނި ކޮށްފައިވާ ކަމަށް ބުނުމުން، އެއީ މައްސަލައެއް ނޫން ކަމަށް އާއިލާ އިން ބުނި ކަމަށް ހަސަން ބުންޏެވެ.

"ޒީނަތުގެ ދެބެންގެ ދެދަރި ކުއްޖަކު ޔަގީންކަން ދިން ޒީނަތަށް ދެރަ ގޮތެއް ނުވާނެ ކަމުގެ. އެހެންވެ ފޮނުވީ ވެސް. އެހެން ނޫން ނަމަ ނުފޮނުވާނަން،" ހަސަން ބުނެފައިވެ އެވެ.

ހަބަރުތައް ބުނާގޮތުން، ޒީނަތުގެ މަންމަ އާއި ބޭބެ، ޒީނަތު އަންދައި މަރާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޒީނަތު މަރާލާފައި ވަނީ އެނދުގައި އޭނާ ބަނދެ، ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށް އެ މައްސަލަ ބަލަމުން އަންނަ ޕަންޖާބު ޕޮލިސްގެ އޮފިސަރަކު ވަނީ ކިޔައިދީފަ އެވެ.
"ބުރާސްފަތި ދުވަހު އަހަރެން ޒީނަތު ބަލާ ދިޔަ އިރު އޭނާ އެއް ނެތް. ޒީނަތު ދުނިޔޭގައި ވެސް ނެތް. ޒީނަތުގެ އަނދާފައި އޮތް ހަށިގަނޑު އޮތީ ސިޑި މައްޗަށް އެއްލާލާފައި،" ޒީނަތުގެ ފިރިމީހާ ހަސަން ބުނެފައިވެ އެވެ.
ޒީނަތުގެ އޮޓޯޕްސީ ރިޕޯޓުން، އޭނާގެ ނޭވާލާ ނިޒާމުގެ ތެރެއިން ދުމުގެ އަސަރު ފެންނަން ހުރި ކަމަށް ވަނީ ދައްކައިފަ އެވެ. އެހެންކަމުން އޭނާގެ ގައިގައި ރޯކޮށްލާފައި ވަނީ ދިރިހުއްޓާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޒީނަތުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ ވަނީ އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފަ އެވެ. އޭނާގެ ބޭބެ ފިލާފައި ވާއިރު ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހަސަން ބުނީ ޒީނަތަށް ކޮންމެ ދުވަހަކު ވެސް އޭނާގެ އާއިލާ އިން އަނިޔާ ކުރާ ކަމަށެވެ. އަދި ފިލައިގެން ކައިވެނި ކުރަން ޒީނަތު ބޭނުންވީ ވެސް އެ އަނިޔާތަކަށް ކެތް ނުވެގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. (ސީއެންއެން)