10 Jun 2016, 10:59
އަލް ހަނީނާ އަކީ ވަރަށް މީރު ފޮނި ކާ އެއްޗެކެވެ. ސައުދީ އަރަބިއްޔާގެ އަލް ކަސީމް ސަރަހައްދުގެ މީހުންގެ މެދުގައި މަޝްހޫރު މި ކެއުމަކީ ރޯދަ މަހަށް ޚާއްސަ އެއްޗެކެވެ. މުޅި ދުވަހު ރޯދަ އަށް ހުރުމަށް ފަހު ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމަށް މިއީ ވަރަށް ރަނގަޅު ކާނާ އެކެވެ.
ބޭނުންވާ ތަކެތި:
1 ކިލޯ ކަދުރު (އޮށް ނަގާފައި)
1 ޖޯޑު ފުށް
1/2 ޖޯޑު ބަޓަރު (ދިޔާކޮށްފައި)
1/2 ސައިސަމުސާ ކާފޫރުތޮޅި (ހިމުންކޮށްފައި)
1/2 ސައިސަމުސާ ސެފްރޮން
ތައްޔާރު ކުރާނެ ގޮތް:
1. ތަވަޔަކަށް ފުށް އެޅުމަށް ފަހު، މަޑު ގިނީގައި ފިހެލާށެވެ. މުށި ކުލަ އަރަންދެން އުނދުން މަތީގައި ބަހައްޓާށެވެ. އެއަށްފައހު އުނދުން މަތިން ބާލައި، ބޮޑު ބޯތަށްޓަކަށް ފުށް އެޅުމަށްފަހު، އޭގެ ތެރެއަށް ކަދުރު އަޅައި އެއްކޮށްލުމަށްފަހު އަތުން ރަނގަޅަށް މޮޑެލާށެވެ.
2. ދިޔާކޮށްފައި ހުރި ބަޓަރު ކުޑަކޮށް ހޫނުކޮށްލުމަށްފަހު، ފުށާއި ކަދުރު އެއްކުރި ބޯތަށްޓަށް އަޅާށެވެ. ރަނގަޅަށް މޮޑެލުމަށް ފަހު އޭގެ ތެރެއަށް ކާފޫރުތޮޅި އާއި ސެފްރޮން އަޅައި ރަނގަޅަށް ގިރާލާށެވެ.
3. ރަނގަޅަށް ގިރާ ނިމުމުން، ފުށްގަނޑު ހުންނާނީ ކުޑަކޮށް ހަރުކޮށެވެ. އޭރުން ކެއުމަށް ތައްޔާރުވީ އެވެ.