މިއީ ތަފާތު ވާހަކަ އެކެވެ. ނަސާރާ ދީނުގެ ކެތޮލިކް މަޒްހަބުގެ މައި ނާރެސް ކަމުގައިވާ އިޓަލީ ރައްޔިތެއްގެ ވާހަކަ އެވެ. އިޓަލީ ސަރުކާރުގެ އިސް އޮފިޝަލެއްގެ އާދަޔާ ޚިލާފު ނިންމުމެކެވެ.

ތޮރްކުއާތޯ ކަރްދިލީއަކީ، ޑިޕްލޮމެޓެކެވެ. ސިޔާސީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، އިޓަލީ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އޮފީހުގައި 1967 ގައި، އުމުރުން 25 އަހަރުގަ އެވެ. އެއަށް ފަހު، އިޓަލީ ސަރުކާރުން ތޮރްކުއާތޯ، ގިނަ ގައުމުތަކެއްގެ ސަފީރު ކަމަށް ހަމަޖެއްސި އެވެ.

ސޫދާން، ސީރިއާ، އިރާގު އަދި ލީބިއާގައި ހުންނަވާ އިޓަލީ ސަފީރުކަން ކުރެއްވުމަށް ފަހު، އިޓަލީ ސަރުކާރުން އޭނާ ބަދަލުކުރީ ސައުދީ އަރަބިއްޔާއަށެވެ. ސަފީރު ތޮރްކުއާތޯގެ ހަޔާތް ބަދަލުވީ މިހިސާބުންނެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ އިޓަލީ އެމްބަސީގައި، ސަފީރު ތޮރްކުއާތޯ އެންމެ ގިނައިން ކުރެއްވި އެއް ކަމަކީ، ކީރިތި ޤުރްއާން ކިޔެވުމެވެ. ސައުދީގައި ހުންނަވައި، އޭނާ ކީރިތި ޤުރްއާން ދިރާސާ ކުރައްވައި، އޭގެ މާނަ ބައްލަވައި، އެއާ މެދު ވިސްނައި ފިކުރު ކުރެއްވި އެވެ.

ދުވަސްވަރަކީ އެމެރިކާ އިސްވެ އޮވެ، ދުނިޔޭގެ ގައުމުތަކުގެ ގުޅިފައިވާ ލަޝްވަރަކުން އަފްޣާނިސްތާނުގެ ތޯލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ދުވަސްވަރެވެ. އިޓަލީގެ އޭރުގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީ ވަނީ، މުސްލިމުންނަށް ކުޑައިމީސްކަން އަންނަ ފަދަ ބަސްތަކެއް ބޭނުންކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ރުޅިގަދަ ކޮށްލައިފަ އެވެ.

އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެސް ނުވަނީސް، މުޅި ދުނިޔެ ހައިރާން ކޮށްލީ، ބަރްލަސްކޯނީގެ ސަރުކާރުން ސައުދީ އަރަބިއްޔާއަށް ފޮނުވާފައި ހުންނަވާ ސަފީރު، ސައުދީގައި ހުންނަވައި އިސްލާމްވި ޚަބަރުންނެވެ. 2000 ވަނަ އަހަރު ސައުދީއަށް ވަޑައިގެން، އެއް އަހަރު ތެރޭގައި އިސްލާމްވެ ވަޑައިގަތީ އެވެ.

އިޓަލީ ސަފީރު އިސްލާމް ދީން ގަބޫލު ކުރެއްވީ، ސައުދީ އަރަބިއްޔާގައި ހުންނަ، އިސްލާމީ ދައުވަތު ދޭ މަރުކަޒަކަށް ގޮސް، 2001 ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އެ މަރުކަޒުގެ ޑިރެކްޓަރު ނޫހް އިބްން ނަސީރު ވިދާޅުވި ގޮތުގައި، ސަފީރު އެތަނަށް ވަޑައިގަތް ގޮތަށް، ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްދީން ގަބޫލު ކުރިކަމަށް އިގުރާރު ވި އެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް އުފާވެރިކަން އިހުސާސް ކުރެވިއްޖެ ކަމަށް ވިދާޅުވެ، ފާޅުގައި ސަފީރު އިސްލާމް ދީން ގަބޫލު ކުރެއްވުމުން އިޓަލީ ސަރުކާރަށް ޕްރެޝަރު ބޮޑުވި އެވެ. އެނބުރި ގައުމަށް ވަޑައިގެން، ސަރުކާރާ މަޝްވަރާ ކުރުމަށް ވެސް ސަފީރު ތޮރްކުއާތޯއަށް އެގައުމުގެ ސަރުކާރުން އެންގި އެވެ.

ނަމަވެސް ފަހުން ޕްރެޝަރެއް ނެތެވެ. އަމިއްލަ އިޚްތިޔާރުގައި، އެގައުމުގެ ސަފީރު ތޮރްކުއާތޯ ކަރްދިލީ އިސްލާމް ދީން ގަބޫލު ކުރެއްވި ގަބޫލުވުމަށް އިޓަލީ ސަރުކާރުން އެންމެ ފަހުން ޖެހުނީ ނުރުހުމުގައި ވެސް ރުހޭށެވެ. އެއީ، ކެތޮލިކް ދީނުން އިސްލާމް ދީނަށް ބަދަލުވެވަޑައިގަތް ނަމަވެސް، ގައުމަށް ޚިދުމަތް ކުރުމުގައި ތޮރްކުއާތޯ ދައްކަވާ ނަމޫނާގެ ސަބަބުންނެވެ.

ސައުދީ އަރަބިއްޔާއަށް ފަހު، 2005 ގައި އިޓަލީ ސަރުކާރުން ތޮރްކުއާތޯ އައްޔަނު ކުރީ، އެފްރިކާގެ ގައުމެއް ކަމުގައިވާ އެންގޯލާގެ ސަފީރު ކަމަށެވެ. އޭނާގެ ޑިޕްލޮމެޓިކް ޚިދުމަތުގެ ހަޔާތް އޭނާ ނިންމާލެއްވީ 2009 ވަނަ އަހަރު، އުމުރުން 67 އަހަރުފުޅުގަ އެވެ. ފުރިހަމަ، އަގީދާ ވަރުގަދަ މުސްލިމެއްގެ ގޮތުގަ އެވެ.