ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރާ މީހުން އުޅެ އެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަގުތު، ކެއިން ބުއިމުން ދުރުހެލިވެ ހުންނަން ޖެހޭ އިރު، މިކަމުން ކަސްރަތަށް ބުރޫ އަރާފާނެ ހެއްޔެވެ؟ ބުރޫ އެރިޔަސް، ކަސްރަތަށް ވުރެ ރޯދަ މާ މުހިންމެވެ. ރޯދަ ހިފަން އެބަ ޖެހެ އެވެ.

އެހެން ނަމަވެސް ކަސްރަތު ވެސް އެބަ ކުރަން ޖެހެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހައްލަކީ ފްލެކްސިބަލް ވުމެވެ. ރަމަޟާން މަހު ތިބާއަށް އިހްސާސް ކުރެވޭ ވަރުބަލިކަމާ އެކަށީގެންވާ ގޮތަކަށް ކަސްރަތު ވެސް ބައްޓަން ކޮށްލުމެވެ.

ކަސްރަތު ކުރާނީ ރޯދަ ވީއްލުމަށް ފަހު

ރޯދައަށް ހުރެ، ބަނޑުހއިކަން މަތީގައި ކަސްރަތު ކުރުމަކީ އެދެވޭ ނަތީޖާއެއް ނެރޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ތިބާގެ މޫޑު ސަކަރާތް ކޮށްލާނެ އެވެ. ހަށިގަނޑުގައި ހުރި މަދު ހިތްވަރުކޮޅު ވެސް ގެއްލި ހިނގައިދާނެ އެވެ. އަދި ތިބާގެ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އަސަރު ކުރުވަ އެވެ. އެހެންކަމުން، ހަށިގަނޑަށް ހަކަތަ ލިބުނީމާ ކަސްރަތު ކުރުމަށް މަޑު ކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ނުކުރެވޭ ވަރުގެ ކަންކަން ކުރަން ނޫޅޭތި

ރަމަޟާން މަސް ނޫން އެހެން ދުވަސްތަކުގައި ކަސްރަތު ކުރުމުގައި ހޭދަކުރާ ވަގުތު، ރަމަޟާން މަހު ކުރު ކޮށްލުމަކީ ރަނގަޅު ގޮތެކެވެ. ކަސްރަތުގައި ހޭދަކުރާނެ އެންމެ ގިނަ ވަގުތަކީ 45 މިނިޓު ކަމުގައި ބަލާށެވެ. ކަސްރަތު ކުރުމުގެ ކުރިން ވޯމް އަޕް، އަދި ނިންމާފައި ކޫލް ޑައުން އެކްސަސައިޒް ވެސް ކުރަން ވާނެ އެވެ. ވެއިޓް ލިފްޓިންގ ފަދަ ކަސްރަތުތައް ކުރާ ނަމަ، ބަރުތައް ހިއްލަން ޖެހޭ އަދަދު މަދުކޮށްލައި، ދެ ސެޓު ދެމެދުގައި ނަގާ ބްރޭކް ކުޑަކޮށް ދިގު ކޮށްލާށެވެ.

ބޭރަށް ނުކުމެ، ހިނގާލަން ދިއުން

މިއީ ރޯދައަށް ހުންނަ ވަގުތު ކުރެވިދާނެ ކަމެކެވެ. ހިނގާލަން ނުކުންނާށެވެ. ގޭތެރޭގައި ހުރުމަކީ ފޫހިވާ ކަމެއް ނަމަ މަގުމަތީގައި ހިނގާލަން ދެވިދާނެ އެވެ. ހިނގަން ދިއުމުން ހިތުގެ ތެޅުން އަވަސްވެ، ހަށިގަނޑުގައި ލެޔާއި އޮކްސިޖަން ގިނައިން ދައުރުވެ އެތެރެ ހަށީގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދެ އެވެ. މާ ބާރަށް ހިނގާ ނަމަ ވަރުބަލި ވާނެ އެވެ. މަޑުމަޑުން ހިނގާށެވެ. މިއީ ނަފްސާނީ ގޮތުން ސިކުނޑި ހަމަޖައްސާލެވޭނެ ކަމެއް ވެސް މެ އެވެ.

އެންމެ ޚާއްސަ ކަސްރަތު: ނަމާދު

ރަމަޟާން މަހަކީ އަޅުގަނޑުމެން ދުވާލުގެ ވަގުތު ޚާއްސަ އަޅުކަމެއް އަދާކުރާ މައްސަރެކެވެ. އެއީ ރޯދަ ހިފުމެވެ. ރޯދަ ހިފި ނަމަވެސް މުސްލިމެއް ކަމުގައިވާ ނަމަ ދުވާލަކު ފަސް ފަހަރު ކުރަން ފަރުޟު ނަމާދުތަކެއް އޮވެ އެވެ. ނަމާދަކީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރަންޖެހޭ އަޅުކަމެކެވެ. ތެދުވެ ހުރެ، ރުކޫޢު ކޮށް، ސަޖިދަ ކުރުން ހިމެނެ އެވެ. މިއީ އަޅުކަމެއްގެ އިތުރުން، ހެލިފެލިވެ އުޅުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ނުވަތަ "ކަސްރަތެކެވެ".

މީގެ އިތުރުން ރަމަޟާން މަހު މި ކަސްރަތު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބެ އެވެ. ރޭގަނޑު އިޝާ ނަމާދަށް ފަހު ތަރާވީހު ނަމާދު ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ކުރެ އެވެ. ދަންވަރުގެ ވަގުތުގައި ދަމު ނަމާދު ވެސް މިސްކިތްތަކުގައި ކުރެ އެވެ.