މެންޗެސްޓާ ޔުނައިޓެޑާއެކު މައިކަލް ކެރިކް ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ކެރިކް، ޔުނައިޓެޑާއެކު މި ފަހަރު ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށް އެ ކްލަބުން ބުނެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާ އިން 2006 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ކެރިކް ވަނީ އެ ކްލަބަށް މޮޅު ކުޅުމެއް ދައްކައި، ޔުނައިޓެޑުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މިހާތަނަށް ޔުނައިޓެޑާއެކު އޭނާ ވަނީ ފަސް ފަހަރު ޕްރިމިއާ ލީގާއި، އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

"މިއީ އަހަރެންގެ ދިރިއުޅުމުގައި ވޭތުވެދިޔަ 10 އަހަރު ހޭދަކުރި ވަރުގަދަ ކްލަބު. އެހެންވެ އިތުރު ދުވަސްތަކެއް ކްލަބުގައި ހޭދަކޮށް، ކުރިއަށް ދިއުމަށް އަހަރެން އުފާކުރަން. ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވެސް އުފާކުރަން،" ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކެރިކް ބުންޏެވެ.

އޭނާ ބުނީ، ސަޕޯޓަރުން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށާއި ފާއިތުވެދިޔަ ސީޒަނުގައި ކާމިޔާބުކުރި އެފްއޭ ކަޕުގެ ހާއްސަ ތަށްޓާއެކު ކުރިމަގުގައި އިތުރު ޓްރޮފީތަކެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ކެރިކް އަށް ތައުރީފު ކުރަމުން މޮރީނިއޯ ބުނީ، ކެރިކް އަކީ ވަރަށް ވިސްނުން ތޫނު އަދި ކުޅެން ޖެހޭ ގޭމް ވަރަށް އަވަހަށް ނަގައިގަންނަ މިޑްފީލްޑަރެއް ކަމަށާއި އޭނާގެ ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވުމުން އުފާކުރާ ކަމަށެވެ.