އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ކިބައިގައި ލީޑަރެއްގެ ސިފަތައް ނެތް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި އާޖެންޓީނާގެ ލެޖެންޑް މެރަޑޯނާ އާއި ބްރެޒިލްގެ ލެޖެންޑް ޕެލޭ ވަނީ މެސީއާ ބެހޭގޮތުން ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

މެސީއާ ބެހޭގޮތުން އެގޮތަށް މެރަޑޯނާ ވާހަކަ ދައްކާފައި ވަނީ މެސީއާ ބެހޭގޮތުން މެރަޑޯނާ އަށް އެނގެނީ ކިހާވަރަކަށްތޯ ޕެލޭ އުފެއްދި ސުވާލަކުންނެވެ.

"އޭނާ އަކީ ރަނގަޅު މީހެއް. އެކަމަކު އޭނާގެ ކިބައިގައި ލީޑަރެއްގެ ސިފަތަކެއް ނެތް،" މެރަޑޯނާ ބުންޏެވެ.

މެރަޑޯނާގެ އެ ޖަވާބާއެކު ޕެލޭ ބުނީ، މެރަޑޯނާ ބުނަން އުޅޭ ވާހަކަ އެނގިއްޖެ ކަަމަށާއި 70ގެ އަހަރުތަކުގައި ކުޅުނު ޕެލޭ އާއި މެރަޑޯނާގެ ދުވަސްވަރުގެ ސިފަތައް މެސީގެ ކިބައިގައި ނުހުންނަ ކަމަށެވެ.

"އޭރު ބްރެޒިލްގައި ރިވެލީނޯ، ގާސަން، ޓޮސްޓޭއޯ ފަދަ ރަނގަޅު ކުޅުންތެރިން ތިބި. އެއީ މިހާރުގެ އާޖެންޓީނާގެ ގޮތެއް ނޫން. މިހާރު އެ ޓީމު ބިނާވެފައި ވަނީ ހަމައެކަނި މެސީ އަށް. މެރަޑޯނާ އެ ބުނަނީ މެސީ އަކީ ރަނގަޅު ކުޅުންތެރިއެކޭ. އެކަމަކު އޭނާ ކިބައިގައި އެ ސިފަތައް ނެތް ވާހަކަ އެ ބުނަނީ،" ޕެލޭ ބުންޏެވެ.

ކްލަބު ކެރިޔަރުގައި ބާސާ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދި މެސީ އަށް ވަނީ އާޖެންޓީނާ ގައުމީ ޓީމާއެކު ކާމިޔާބެއް ހޯދޭ ގޮތް ނުވެފަ އެވެ. ވޯލްޑް ކަޕް 2014ގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި ނަމަވެސް، އެ ޓީމަށް ވަނީ ފައިނަލުގައި ޖަރުމަނުގެ މައްޗަށް ކުރި ހޯދޭ ގޮތް ނުވެފަ އެވެ.