އެސްޓީއޯގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސާސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް މެރީޑިއަމްގެ ފަރާތުން ދެން ހާޒިރުނުވެއްޖަ ނަމަ، އެ މައްސަލަ މެރީޑިއަމްގެ ޣައިރު ހާޒިރުގައި ވެސް ހިންގާނެ ކަމަށް ގާޒީ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައަށް މިއަދު މެރީޑިއަމްގެ ފަރާތުން ވަކީލަކު ހާޒިރުވި އެވެ. އެކަމަކު ބޯޑް ރެޒޮލިއުޝަންގައި އެ މައްސަލައިގައި މެރީޑިއަމްގެ ފަރާތުން ޖަވާބުދާރީވާނީ އޭނާ ކަމަށް ބުނެފައި ނެތުމުން ގާޒީ އެ ވަކީލު ގަބޫލެއް ނުކުރެއްވި އެވެ. އެ މައްސަލަ ބައްލަވާ ސިވިލް ކޯޓުގެ ގާޒީ އަބްދﷲ ޖަމީލް މޫސާ ވިދާޅުވީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން މެރީޑިއަމްއަށް ޗިޓު ރައްދުކޮށްފައިވާ ކަމަށާއި ނަމަވެސް ހާޒިރުވެފައިނުވާ ކަމަށެވެ. އަދި ދެން އަންނަ ދުވަހަކަށް ހާޒިރުނުވެއްޖަ ނަމަ މެރީޑިއަމްގެ ޣައިރު ހާޒިރުގައި ވެސް މައްސަލަ ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެސްޓީއޯއިން މެރީޑިއަމްގެ މައްޗަށް ދައުވާ ކުރަނީ ކްރެޑިޓަށް ތެޔޮ ނެގުމަށްފަހު ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. މީގެ އިތުރުން މެރީޑިއަމްގެ ފަރާތުން އެސްޓީއޯގެ މައްޗަށް ދައުވާ ކުރާ މައްސަލައެއް ވެސް ސިވިލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައި އޮތެވެ. ނަމަވެސް އެ މައްސަލަ ވެސް މިއަދު ބޭއްވޭ ގޮތެއް ނުވި އެވެ.