09 Jun 2016, 23:24
އިސްލާމީ މަރުކަޒު ކައިރީ މާބުލް ޖަހައި ތަރައްގީކޮށްފައިވާ ސަރަހައްދު މިރޭ ހުޅުވައިފި އެވެ.
އިސްލާމީ މަރުކަޒު ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ޖަލްސާއެއްގައި އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ސަރަހައްދުގައި މާބުލް ޖަހައި ނިންމައި މިރޭ އެތަން އާންމުކޮށް ހުޅުވާލާފައިވާ އިރު، އެތަނުގައި އެއްފަހަރާ 20،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ސަރަހައްދުގައި ޖުމްލަ 8300 ގަނޑު މާބުލް ޖަހާފައިވާ ކަމަށެވެ. އެކަމަށް ހޭދަވީ 16 ދުވަސްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތް ނިންމުމުގައި ހައުސިން މިނިސްޓްރީއާއި އެމްޓީސީސީ އަދި އެހެނިހެން ކުންފުނިތަކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް މިނިސްޓަރު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މާބުލް ޖަހައި އެ ސަރަހައްދު ޒީނަތްތެރި ކުރުމުން އާންމުންނަށް މިސްކިތުން ބޭރުގައި، ގަސްތަކު ދޮށުގައި ވެސް ރަމަޟާން މަހު އަދި އެހެނިހެން މަސްމަހު ވެސް އަޅުކަންތައް އަދާކުރެވޭނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބުލްޖެހުމަށްޓަކައި އެތަނުގެ ތަޅުންގަނޑު ތަޅާލައިފައި ވަނީ މިދިޔަ އޭޕްރީލް މަސް ތެރޭގައި އެވެ.