09 Jun 2016, 15:42
ގިނަ ރެސްޓޯރަންޓްތަކުގެ ރޯދަ މެނޫތައް ބަލައިލެވޭނެ ގޮތަކަށް އުފައްދާފައިވާ "އެލައިޑް ރޯދަ މެނޫ" މޯބައިލް އެޕްލިކޭޝަން މިއަދު ލޯންޗު ކޮށްފި އެވެ.
އީޓް ޑޮޓް އެމްވީއާ ގުޅިގެން އެލައިޑުން އުފެއްދި އެ އެޕްގައި ހުންނަނީ ހަމައެކަނި ރެސްޓޯރަންޓް މެނޫތަކެއް ނޫނެވެ. މި އެޕުން ނަމާދު ވަގުތުތައް ބަލައިލެވޭ އިރު، ފޯނުގެ ނޯޓިފިކޭޝަން ފީޗާ އެންއޭބަލް ކޮށްގެން ބަންގި ގޮވުމުގެ 15 މިނިޓު ކުރިން ޕްރޭޔާ އެލާޓް ލިބޭ ގޮތް ހެދޭނެ އެވެ.
މީގެ އިތުރުން، ރޯދަ ވީއްލާ ވަގުތާ ހަމައަށް ކުރިޔަށް ދާ "އިފްތާރް ކައުންޓްޑައުން" ފީޗާއެއް ވެސްމި އެޕްގައިހުންނާނެ އެވެ.
"ރޯދަ މަހުގެ ރެސްޓޯރަންޓްތަކުގެ މެނޫތައް ފެންނާނެ މީގެން ވަރަށް ތަފްސީލުކޮށް. ބަލާލަން ބޭނުންވާ ބޭފުޅުންނަށް އެޕްސްޓޯރާއި ގޫގްލް ޕްލޭއިން މި އެޕް ޑައުންލޯޑު ކޮށްގެން ބަލައިލެވޭނެ،" އެލައިޑް އިންޝޫރަންސްގެ މާކެޓިންގ މެނޭޖާ ނިއުޝާދު ޝަރީފް ވިދާޅުވި އެވެ.
އީޓް ޑޮޓް އެމްވީގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ސަނީ އުމަރު ވިދާޅުވީ، އެކި ރެސްޓޯރަންޓްތަކުގެ ރޯދަ މެނޫތައް ހޯދައިގެން ބެލުމަކީ މާ ފަސޭހަ ކަމެއް ނޫން ކަމުން، މި އެޕުން އެކަމަށް ފަސޭހަކަމެއް ގެނެސްދޭނެ ކަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް ރޯދަ މެނޫ ބެލުމަކީ. އޮންލައިންކޮށް ނުހުންނާތީ މެނުއަލްކޮށް ބަލަން ވަރަށް އުނދަގޫ ވާނެ. ފޭސްބުކްގައި ވެސް ވަކިވަކިން ޕޭޖުތަކަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވީމަ އެލައިޑުގެ އައިޑިއާއަކަށް އަޅުގަނޑުމެން މެނޫތައް މި އަޅައިދިނީ، އަގުތަކާއި ގުޅޭނެ ނަމްބަރުތަކާ ވެސް އެކު،" ޑރ. ސަނީ ވިދާޅުވި އެވެ.