09 Jun 2016, 14:47
އެލައިޑް އިންޝޫރަންސް ކޮމްޕެނީ އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާދުލްގެ އުމްރާ ތަކާފުލް ޕެކޭޖު ނަގައިގެން، ތިން ހަރަމުގެ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އިއުލާން ކޮށްފި އެވެ.
މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ އެ ޕްރޮމޯޝަނުގައި ކުރިޔަށް ދާނީ، އުމްރާ އަށް ދިއުމަށް އަޔާދީ ތަކާފުލްގެ އުމްރާ ތަކާފުލްގެ ޚިދުމަތް ނަގައިގެން ދާ ފަރާތްތަކުގެ މެދުގައި ލެވޭ ގުރުއަތަކުން ކަމަށެވެ.
"ލަކީޑްރޯގެ ޕްރައިޒަކީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހަމަޖައްސާފައިވާ ތިން ހަރަމް އުމްރާ ދަތުރެއް،"
ނިޒްމާ ވިދާޅުވީ، އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކަށް ނޫން ކަމަށާއި ޕްރޮމޯޝަން ކުރިޔަށް ދާނީ އަޔާދީ ތަކާފުލްގެ އުމްރާ ޕެކޭޖު ނަގައިގެން ހައްޖަށްދާ ހުރިހާ ފަރާތްތަކަށް ކަމަށެވެ.
"ކޮންމެ ޖަމާޢަތަކަށް ވިޔަސް، ރޯދަ މަހު ތެރޭގައި އުމްރާއަށް ވަޑައިގަންނަވަންޏާ، އަޅުގަނޑުމެންގެ ތަކާފުލް ނަންގަވާފައި މީގައި ބައިވެރިވެވޭނެ،" ނިޒްމާ ވިދާޅުވި އެވެ.
އަޔާދީ ތަކާފުލްގެ އުމްރާ ތަކާފުލްގެ އަގަކީ 750 ރުފިޔާ އެވެ. ނަމަވެސް މި ޕެކޭޖުގެ ދަށުން އެއް ލައްކަ ރުފިޔާއާ ހަމައަށް ކަވަރ ލިބޭނެ އެވެ. މި ތަކާފުލް ޕެކޭޖުގެ ދަށުން، ފްލައިޓު ލަސްވުން ފަދަ ކަމެއް ދިމާވުމާއި ޕާސްޕޯޓް، ފައިސާ އަދި އަގުހުރި މުދާ ގެއްލުން ފަދަ ކަމެއް ދިމަވެއްޖެ ނަމަ އޭގެ ބަދަލާއި، އަދި ބަލިވެއްޖެ ނަމަ ބޭސްފަރުވާއަށް ދާ ޚަރަދުތައް ކަވަރު ކުރާނީ އަޔާދީ ތަކާފުލް އިންނެވެ.
"ރޯދަ މަހަކީ މައްކާގައި ވަރަށް މީހުން ގިނަ، ތޮއްޖެހިފައި އޮންނަ ދުވަސްވަރެއް. އެކްސިޑެންޓް ހިނގުމާއި އެފަދަ ކަންކަން އަބަދުވެސް ހިނގުމުގެ ފުރުސަތު އޮންނަ އިރު، މިކަންކަން ކަވަރު ކޮށްގެން ވަޑައިގެންނެވީމާ އެކަމުގެ ފައިދާ އެނގިވަޑައިގަންނަވާނެ،" ނިޒްމާ ވިދާޅުވި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ޕްރޮމޯޝަނަށް ހުށަހަޅާ އިނާމު ކަމުގައިވާ ތިން ހަރަމު އުމްރާ ދަތުރުގައި، ތިން ގައުމަކަށް ދަތުރުކުރާނެ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުގެ ތިން ހަރަމް އުމްރާ ދަތުރުގެ އަސްލު އަގަކީ ގާތްގަނޑަކަށް 50،000 ރުފިޔާ އެވެ.
"ފުރަތަމަ ދާނީ ޖޯޑަންއަށް. ދެން ފަލަސްތީނަށް ގޮސް، މަސްޖިދުލް އަޤްސާގައި ނަމާދުކޮށް، ފަލަސްތީނުގެ މުޤައްދަސް ތަންތަން ބަލައިލަން ދާނެ. ދެން އަނެއްކާ އެނބުރި ޖޯޑަންއަށް ގޮސް، އެއަށް ފަހު ދާނީ މައްކާއަށް. އަދި މަދީނާއަށް ގޮސް މަސްޖިދުލް ނަބަވީއަށް ދިއުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ،"