ރާއްޖޭގައި އުފައްދާ ތަކެތި ދިވެހިން ވިއްކުމަށް ހާއްސަކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީ ވިޔަފާރިވެރިން ބޭރު ގައުމުތަކުން ގެންނަ ތަކެތި ވިއްކަމުން އަންނަ ކަމަށް އިމިގުރޭޝަން އިން ބުނެފި އެވެ.

މިއަދު އެކޮނަމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގުރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓަކީ ދިވެހިންގެ ނަންމަތީ ރަޖިސްޓްރީކޮށްގެން ދިވެހިން ހިންގަން ޖެހޭ ވިޔަފާރިތަކަކަށްވާ އިރު އެ ވިޔަފާރިތަކުގައި ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ގޮޅިތައް ނަގައިގެން ތިބި ކަމަށް އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ، އަދި އިންޓަވިއުތަކުން ބަލާ އިރު އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ ހަމަ އަމިއްލައަށް އަމިއްލަ ވިޔަފާރި އެބަކުރޭ ބިދޭސީން، އިމްޕޯޓް މުދާ ތަރުކާރީ ގެނެސް ދަތުރުވެރިންގެ މާރުކޭޓުގައި." ވަހީދު ވިދާޅުވި އެވެ.

އިމިގުރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު މީޑިއާއާ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދަތުރުވެރިންގެ މާރުކޭޓުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ޗީފް އިންސްޕެންޓާ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ ދަތުރިވެރިންގެ މާރުކޭޓުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްފައިބާ ދަތުރުވެރިންގެ މާރުކޭޓުގައި ބޭރުގެ ގައުމުތަކުން ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކެއް ވިއްކަން އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ހައްދާ ބައެއް ތަކެތި އެތެރެކޮށް ރާއްޖޭގައި އުފައްދާތަކެއްޗަށް ވުރެ އަގުހެޔޮކޮށް ވެސް ވިއްކަ އެވެ.