09 Jun 2016, 14:28
'ސުޒުކީ ފޯރި'ގެ ނަމުގައި 15ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެމްޓީސީސީ އިން ފަށައިފި އެވެ.
ރާއްޖޭގައި ސުޒުކީ އިންޖީނު ވިއްކަމުން އަންނަ އެމްޓީސީސީ އިން މިއަދު ލޯންޗް ކުރި އެ ޕްރޮމޯޝަން މިމަހުގެ ފަސް ވަނަ ދުވަހު ފަށާފައިވާ އިރު އަންނަ ޖުލައި މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ އެމްޓީސީސީ އިން ވިއްކާ ސުޒުކީ އައުޓް ބޯޑް އިންޖީނެއް ފުލް ކޭޝް ކޮށް ގަތުމުން. އިންޖީނު ގަންނަ ފަރާތްތަކުގެ މެދުގައި ލަކީޑްރޯ އެއް ބޭއްވުމަށް ފަހު އިނާމަކަށް 15 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް މި ލިބެނީ،" 'ސްޒުކީ ފޯރި' ލޯންޗް ކުރުމަށް މިއަދު އެމްޓީސީސީ ކަށަވަރު ފިހާރާގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދު ރައްޒާގު ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެ ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހަށް ހާއްސަ ކޮށްގެން އައުޓް ބޯޑު އިންޖީނު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އިންޖީނު ލިބޭނެ އިންތިޒާމެއް ފަހި ކޮށްދިނުން ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން 2.5 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 300 ހޯސްޕަވަރުގެ ޕަވަރާ ދެމެދުގެ ސުޒުކީ އިންޖީނަށް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށެވެ.