09 Jun 2016, 16:07
މާރާމާރީ އާއި ފޭރުން އިތުރުވެ، ފުލުހުންނަށް ހުށަހެޅި ކުށުގެ މައްސަލަތައް 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
ފުލުހުންގެރަސްމީ ވެބްސައިޓުގައިއާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުށުގެ މައްސަލަތައް 14 ޕަސެންޓަށް އިތުރުވީ ނިމިދިޔަ މެއި މަހު އެވެ. މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު މި އަހަރުގެ މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކުށުގެ މައްސަލަތަކުގެ އަދަދު 14 ޕަސެންޓަށް އިތުރުވެފައި ވަނީ މާރާމާރީ އާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމުންނެވެ.
މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާ އާއި މަކަރާއި ހިޔާނާތުގެ އިތުރުން ރިޝްވަތުގެ މައްސަލަތަކާއެކު މިދިޔަ މެއި މަހު ޖުމްލަ 1،288 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 1،128 އެވެ.
މާރާމާރީ އާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކް މައްސަލަތައް މިދިޔަ މަހު އިތުރުވި ނަމަވެސް، ވައްކަމާއި ޖިންސީ އަނިޔާތަކުގެ މައްސަލަތައް މިދިޔަ މަހު ވަނީ މަދުވެފަ އެވެ.
މަދުވި ކުށުގެ މައްސަލަތައް:
- ވައްކަން ކުރުން
- ޖިންސީ އަނިޔާ
- ލޫޓުވުމާއި ގެއްލުންދިނުން
ފުލުހުންގެ ތަފާސް ހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މި އަހަރުގެ މެއި މަހު ވަނީ މަސްތުވާތަކެތީގެ މައްސަލަތައް 46 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ 163 މައްސަލަ މިދިޔަ އަހަރުގެ މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިއަހަރުގެ މެއި މަހު ވަނީ އެ އަދަދު 238 އަށް އިތުރުވެފަ އެވެ.
މިދިޔަ މަހު މާރާމާރީގެ މައްސަލަތައް 22 ޕަސެންޓަށް އިތުރުވެފައިވެ އެވެ. ވޭދުވެދިޔަ އަހަރުގެ މެއި މަހު 71 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިއަހަރުގެ މެއި މަހު އެ އަދަދު ވަނީ 87 އިތުރުވެފަ އެވެ.
އިތުރުވި ކުށުގެ މައްސަލަތައް:
- މާރާމާރީ
- ފޭރުން
- މަސްތުވާތެކެތީގެ މައްސަލަތައް
- ޗެކް ބައުންސް
މިއަހަރުގެ ވޭތުވެދިޔަ ފަސް މަސް ދުވަހު ވެސް ވަނީ ކުށުގެ މައްސަލަތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަސް މަސް ދުވަހު ތެރޭ ފުލުހުންނަށް ހުށަހަޅާފައި ވަނީ 5723 މައްސަލަ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭ ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ 6193 ވަނަ އިތުރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަސް މަސް ދުވަހާ އަޅާބަލާއިރު އަށް ޕަސެންޓް އިތުރު އަދަދެކެވެ.