ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގ. ރީފް މުހައްމަދު ނަބީލު، ފަރުހާދު މަރާނުލާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ގިނަ ނުކުތާތަކެއް ފާހަގަކޮށްފި އެވެ.

ކަޓަރުތިލައަކުން ހަމަލާދީ ފަރުހާދު މަރާލާފައި ވަނީ 2009 ވަނަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލާގައި ފަރުހާދު މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ނަބީލު މެރުމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު ނަބީލުގެ ފަރާތުން ވަކީލު ވިދާޅުވީ ހައިކޯޓުގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މީގެ ކުރިން ވެސް ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ތަހުގީގު މަރުހަލާގައި ދައުލަތުގެ ހަރަދުގައި ވަކީލެއްގެ އެހީތެރިކަމަށް އެދިފައިވީ ނަމަވެސް އެ ފުރުސަތު ނުދީ ކުރިއަށް ގެންދިޔަ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ މިއަދުވެސް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން މަޖުބޫރުން ބަޔާނުގައި ސޮއިކުރުވުމާއި ހެކިން ތަހުގީގު މަރުހަލާގައި ބުނެފައިވާ ބުނުންތަކުގައި ޝައްކުތަކެއް ހުރިކަމަށް ނަބީލްގެ ވަކީލް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ނަބީލުގެ އަންހެން ކޮއްކޮ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު އޭނާގެ ބެލެނިވެރިއެއްގެ ގޮތުން އައި ނަބީލުގެ ބައްޕައާ ދައުލަތުން ސުވާލު ކުރިކަމަށް އޭނާގެ ވަކީލް ފާޙަގަކުރި އެވެ.

ނަބީލުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވުމަށް ދައުލަތުން އިތުރު ފުރުސަތަށް އެދުމުން ވަނީ އެ ފުރުސަތު ދީފަ އެވެ.

އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ނަބީލު މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މެދު މާރާމާރީ ހިންގި ކަމަށެވެ.

އޭގެ ފަހުން ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮ އާމިނަތު ނިއުމާއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެމީހުންގެ ކިބައިން ސަލާމަތްވާން ވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ފަރުހާދުގެ މަރާ ގުޅިގެން މ. ބްލޫލޭކް ލޮޖް އަލީ ރަޒީން އާއި މ. ރޭ އަލިވާގޭ އިބްރާހިމް ނައުފަލްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. ނަމަވެސް އެ މީހުން އޭނާ މަރާލުމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށް ކަނޑައަޅައި އަމަން ނަގާލުމުގެ ކުށުގައި އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށްލުމަށް ކުރީގެ ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.