މި ރޯދަ މަހު ހުޅުމާލޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ސްޕީޑު ކޮންޓްރޯލްކޮށް، ހުޅުމާލޭ މަގުތަކަކީ ރައްކާތެރި މަގުތަކެއްގެ ގޮތުގައި ބޭއްވުމަށް، ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ހުޅުމާލެ ބޮޑެތި މަގުތަކުގައި ޓްރެފިކް ކޯން ބަހައްޓައި ބައެއް މަގުތަކުގައި ވަނީ ބެރިކޭޑް ބަހައްޓާފަ އެވެ.

ފުލުހުން ބުނީ އެއީ ދުއްވާ އެއްޗެއްސާ ހިނގައި ބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރަން ފުރުސަތުލިބި މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށާއި ބާރު ސުޕީޑުގައި ދުއްވާ ފަރާތްތަކަށް ވެސް ރައްކާތެރިކަމާއެކު ދުއްވަން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށެވެ.

މަގުތަކުގެ އަމާންކަން ދަމަހައްޓައި ދުވެލި މަޑުކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭގައި ބެރިކޭޑް ބަހައްޓާފައި ވަނީ ނިރޮޅުމަގު ޕީޕަލްސް މޯލް ކުރިމަތީގަ އާއި، ނިރޮޅުމަގު 134 ނަމްބަރު ފްލެޓް ކުރިމަތީގަ އާއި، ނިރޮޅުމަގު އެޗްޑީސީ ނާސަރީ ކުރިމަތީގަ އެވެ.

އޭގެއިތުރުން އަސުރުމާ ހިނގުން 104 ނަމްބަރު ފްލެޓް ކުރިމައްޗާއި، ކުރެދި ހިނގުން ޕްލެޓިނަމް ރެސިޑެންސް ކުރިމައްޗާއި، ރީތިގަސްމަގު އެމްއެންޑީއެފް 300 ފްލެޓް ކުރިމަތީގަ އާއި، ބަގީޗާ ހިނގުމުގަ އާއި، ފިތުރޯނުމަގު އެސްޓީއޯ ހޮޓާ ކުރިމަތި އަދި ފިތުރޯނުމަގު އެމްޕީއެލް ކައިރީގައި ވަނީ ޓްރެފިކް ކޯން ބަހައްޓައިފަ އެވެ.