16 May 2011, 15:51
އުމުރުން 18 މަސްވީ ދިވެހި ކުއްޖެއްގެ މޫނުގެ ކަށިގަނޑުގައި އުފެދިފައިވާ ބޮޑު ޓިއުމަރެއް އިންޑިޔާގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ނަގައިފިއެވެ. ކުޑަކުއްޖަކަށް ފަރުވާ ދިނުމަށް އިންޑިޔާގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަންގައި މުހައްމަދު ސާލިކްގެ މޫނުގެ ސިފަޔަށް ޓިއުމަރުގެ ސަބަބުން އައި ބަދަލު ރަނގަޅުކޮށް އޭނާގެ މޫނުގައި އަސްލު ސިފަ ޖައްސާފައިވާ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ޑެކާން ކްރޮނިކަލްސް ބުނެ އެވެ.
ސާލިކްގެ މޫނުގައިވާ ޓިއުމަރު ނެގުމަށް ކުރި އޮޕަރޭޝަން ހަގަޑިއިރަށް ދެމިގެން ދިޔައިރު އޭނާގެ ދައްދޮޅިއާއި ކަތުރުކަށިގަނޑަށް ޓިއުމަރުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ރަނގަޅުކޮށް މޫނު އަލުން ހަދާފައި ވާ ކަމަށް އިންޑިޔާގެ ޗެންނާއީގައި ހުންނަ ޑޮކްޓަ ބާލާޖީ އެންޑް ކްރެނިއޯ ފޭޝަލް ހޮސްޕިޓަލާ ހަވާލާދީ ޑެކަން ކްރޮނިކަލްސް ބުނެއެވެ.
ސާލިކުގެ މޫނު ރަނގަޅު ކުރުމަށްޓަކައި ބޭނުންކޮށްފައި ވަނީ އޭނާގެ އަރިކަށިން ނަގާފައިވާ ކައްޓާއި ޓައިޓޭނިއަމް ޕްލޭޓެއްގެ އިތުރުން ޖެނެޓިކް ބަދަލުގެނެސްގެން އުފައްދާފައިވާ އަގުބޮޑު ޕްރޮޓީން ޝީޓެކެވެ.
ޓިއުމަރުގެ ސަބަބުން ސިފަގެއްލިފައިވާ ސާލިކްގެ މޫނު ރަނގަޅު ކުރުމަށް ކުރި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވީ ޑރ. އެސް އެމް ބާލާޖީ އެވެ. -- ޑެކަން ކްރޮނިކަލްސް / މުހައްމަދު ނަސީމް