09 Jun 2016, 12:33
އަލެއްޕޯ (ޖޫން 9): ސީރިއާގެ އުތުރުގައި އޮންނަ އަލެއްޕޯގެ ހޮސްޕިޓަލަކަށް ވައިގެ ހަމަލާތައްދީ 10 މީހަކު މަރާލާފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
އޮބްޒަވޭޓަރީ އިން އިއްޔެ ބުނި ގޮތުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އަލެއްޕޯގެ ތިން ސަރަހައްދަކަށް ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައި ވަނީ އެސިޓީގެ ބަޔާން ހޮސްޕިޓަލަށެވެ. އަދި އެތިން ހަމަލާގައި މަރުވި މީހުންގެ އަދަދު 20 އަށް ވުރެ ގިނަ ވާނެ ކަމަށް އޮބްޒަވޭޓަރީން ވަނީ ލަފާކޮށްފަ އެވެ.
ހޮސްޕިޓަލަށް ދިން ހަމަލާގެ ސަބަބުން އިންކިއުބޭޓަރުގައި ތިބި ނުވަ ކުދިން ހޮސްޕިޓަލުގެ ބޭސްމެންޓަށް ބަދަލު ކުރަން ޖެހުނު ކަމަށް ސީރިއާގެ އިންޑިޕެންޑެންޓް ޑޮކްޓާސް އެސޯސިއޭޝަނުން ބުންޏެވެ.
"އަލެއްޕޯގައި މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރި އިންކިއުބޭޓަރުތައް ވަރު މަދު. އަޅުގަނޑުމެންގެ ތެރެއިން އެހީއަށް އެންމެ ބޭނުންވާ [ތުއްތު ކުދިންނަށް] އެންމެ އާދައިގެ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްވެސް ދަނީ ނެތެމުން،" ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހާތިމް ވިދާޅުވި އެވެ.
އަދި ސީރިއާގެ ކުޑަ ކުދިންނަކީ އަމިއްލަ ދަރިން ކަމަށް ދެކިގެން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ޑރ. ހާތިމް ގޮވާލެއްވި އެވެ.
މިހަފްތާ ތެރޭގައި އެކަނި ވެސް ސީރިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލެއްޕޯއަށް 600 ހަމަލާ ދީފައިވާ އިރު، ފާއިތުވި ދެމަސް ތެރޭގައި އެސިޓީގެ 17 ސިއްހީ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށް އިންޑިޕެންޑެންޓުގައިވެ އެވެ. އަލެއްޕޯގައި މިހާރު ހިންގަމުން ދަނީ އެއްމެ ހަތް ހޮސްޕިޓަލެވެ. (އަލްޖަޒީރާ)