09 Jun 2016, 11:42
ނިއު ދިއްލީ (ޖޫން 9): އިންޑިއާގެ ނިއު ދިއްލީގައި ކިޑްނީގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ގޭންގެއްގެ ލީޑަރު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުން ފަގީރު މީހުންގެ ކިޑުނީތައް ކުޑަ އަގަކަށް ގަތުމަށް ފަހު، ބޮޑު ފައިދާއެއް ލުމަށް ފަހު އެކިޑުނީތައް ވިއްކަމުން ދިޔަ ގޭންގެއްގެ ލީޑަރު ކަމަށް ބެލެވޭ ރާޖްކުމާރު ރާއޯ ހައްޔަރުކޮށްފައި ވަނީ ކޮލްކަޓާގައި އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އަކީ އެފަދަ މައްސަލަތަކާ ގުޅިގެން ސައުތް އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް ހޯދަމުން އަންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެޕޯލޯ ހޮސްޕިޓަލުގެ ފަސް މުވައްޒަފުން ވެސް ހިމެނެ އެވެ.
އެޕޯލޯ ހޮސްޕިޓަލުން ވަނީ އެ ވިޔަފާރީގައި ހޮސްޕިޓަލުން ބައިވެރިވެފައި ނުވާނެ ކަމަށާއި އެއީ އެހޮސްޕިޓަލާއި ބަލި މީހުންނަށް އޮޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ ވިޔަފާރިއެއް ކަމަށް ބުނެފަ އެވެ. އަދި އެޕޯލޯއިން ވަނީ މިހާރު އެހޮސްޕިޓަލުގައި އޮންނަ އޯގަން ޓްރާންސްޕްލާންޓް ސިސްޓަމް މޮނިޓާ ކުރުމަށް ހާއްސަ ޕެނަލެއް އުފައްދައިފަ އެވެ. (ބީބީސީ)