09 Jun 2016, 11:57
އެމެރިކާގެ ފޯބްސް މަޖައްލާ އިން ހޮވާ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ކުޅިވަރު ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ހޮވުނުއިރު ދެ ވަނަ މަގާމު ބާސެލޯނާ އަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވާޑް ލައޮނަލް މެސީ އަށް ލިބެއްޖެ އެވެ.
މިއީ ވޭތުވެ ދިޔަ 16 އަހަރުގެ ތެރޭގައި އެ ލިސްޓްގެ ކުރި ހޯދި ބޮކްސިން ކުޅުންތެރިއާ ފްލޮއިޑް މޭވެދާ އާއި ގޮލްފް ލެޖެންޑް ޓައިގާ ވުޑްސް ފަހަތަށް ޖައްސާލުމަށްފަހު ފުޓްބޯޅަ ކުޅުންތެރިއަކަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ލިސްޓުގެ އެއް ވަނަ ރޮނާލްޑޯ އަށް ލިބެނީ އަހަރެއްގެ ތެރޭގައި 88 މިލިއަން ޑޮލަރުގެ އާމްދަނީ އަކާ އެކުއެވެ. އެއީ އޭނާ ކުޅެމުން އަންނަ ރެއާލް މެޑްރިޑް އިން މުސާރައިގެ ގޮތުގައި ލިބޭ 56 މިލިއަން ޑޮލަރާއި އިސްތިހާރުތަކުން އޭނާ އަށް ލިބޭ 32 މިލިއަން ޑޮލަރެވެ.
އެ ލިސްޓުގެ ދެ ވަނަ ލިބޭ ވާދަވެރި މެސީ އަށް އަހަރެއްގެ ތެރޭގައި ލިބެނީ 81 މިލިއަން ޑޮލަރެވެ. ތިން ވަނާގައި އޮތީ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރަން ޖޭމްސެވެ. އޭނާ އަށް ތިން ވަނަ ލިބެނީ 77.2 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެވެ.
ފޯބްސް މަޖައްލާ އިން ނެރުނު ލިސްޓުގެ ހަތަރުވަނަ ލިބެނީ ސްވިޓްޒަލޭންޑްގެ ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ އަށެވެ. 67.8 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ފެޑެރާ އަކީ މިވަގުތު ރޭންކިންގައި ތިން ވަނަ އަށް ސީޑް ކުރެވިފައިވާ ކުޅުންތެރިއާ އެވެ. އަދި ފަސް ވަނާގައި އޮތީ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކެވިން ޑުރާންޓެވެ. އޭނާ އަށް ވަނީ މިދިޔަ އަހަރު 56.2 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފަ އެވެ.
ފޯބްސް އިން އެންމެ މުއްސަނދި ކުޅިވަރު ކުޅުންތެރިން ހޮވަނީ އެ ކުޅުންތެރިޔަކަށް ލިބޭ މުސާރަ އާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ އަށް ބެލުމަށް ފަހު އެވެ.