އިންޑިއާގެ ފިލްމީ ދާއިރާއަށް ޚާއްސަކޮށްގެން އެ ގައުމުގައި ދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑެމީ (އައިފާ) އެވޯޑްސް އޮފިޝަލް އެއާލައިން ސްޕޮންސާކަމަށް ގަތަރު އެއާވޭސް ހަމަޖައްސައިފި އެވެ.

މި އަހަރުގެ އައިފާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު، ސްޕެއިންގެ ވެރިރަށް މެޑްރިޑްގަ އެވެ.

ގަތަރު އެއާވޭސް އިން ބުނީ، މި އިވެންޓާ ގުޅިގެން އެ އެއާލައިނުން ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އައިފާ އެވޯޑްސްގައި ބައިވެރިވުމަށް މެޑްރިޑަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ އަގުތަކެއް އެ އެއާލައިނުން ވަނީ ހަމަޖައްސާފަ އެވެ. އެ އެއާލައިނުން ބުނީ، ޑިސްކައުންޓް ލިބޭނީ 26 ޖޫންގެ ކުރިން، އެ އެއާލައިނުގެވެބްސައިޓު މެދުވެރިކޮށް ބުކް ކޮށްފައިވާ ޓިކެޓުތަކަށް ކަމަށާއި މި ޓިކެޓުތަކުން ޖުލައި ހަވަނަ ދުވަހުގެ ކުރިން ދަތުރު ކުރަން ޖެހޭނެ ކަމަށެވެ.

މި އެވޯޑު ހަފްލާގައި އިންޑިއާ އަދި ބައިނަލްއަގުވާމީ ގިނަ ފިލްމީ ތަރިންނާއި މެހެމާނުންގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާ ވެސް ބައިވެރިވާނެ އެވެ.

ގަތަރު އެއާވޭސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޖޮނެތަން ހާޑިންގް ބުނީ އިންޑިއާގެ ސިނަމާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ކަމަށާއި އައިފާ އެވޯޑު ހަފްލާގެ ހައިބަތު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަނީ މި ސަބަބާ ހުރެ ކަމަށެވެ.

އައިފާ އެވޯޑްސް 2016 ހަފްލާ މި އަހަރު ހޯސްޓް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ކުޅާދާނަ ފިލްމީ ތަރި ޝާހިދު ކަޕޫރާއި، ފަރްހާން އަޚްތަރެވެ. އައިފާ އެވޯޑްސް 2012 ހަފްލާ ވެސް ހޯސްޓް ކުރީ މި ދެ ތަރިންނެވެ. މި ހަފްލާގައި އިންޑިއާގެ ގިނަ އަދަދެއްގެ ތަރީންގެ ހުށަހެޅުންތައް ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާން، ހްރިތިކް ރޯޝަން، ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަޑުކޯން، ސޮނާކްޝީ ސިންހާ އަދި ޓައިގާ ޝްރޮފް ހިމެނެ އެވެ.