ކުޑައިރުއްސުރެ ޒައިނަބު ގާތު ބައްޕަ ދައްކާ ވާހަކައެއް އޮވެއެވެ. އެއީ މުސްލިމުންގެ ވިޔާނުދާ ވާހަކައެވެ. މުސްލިމު ފިރިހެނުން ސިކުންގެ އަންހެން ކުދިން މަގުފުރައްދާލައިގެން ޕާކިސްތާނަށް ގެންގޮސް ވިއްކާލާ ވާހަކައެވެ. ބައްޕަގެ އެވާހަކަތަކާއި ޒައިނަބުގެ ވިސްނުމާ ތަފާތެވެ.

ޒައިނަބު ދެކޭގޮތުން މީހުންގެ އުޅުމާއި އަހުލާގަކީ ވަކި ދީނެއްވެގެން ހުންނަ ކަންކަމެއް ނޫނެވެ. ބައްޕަގެ ވާހަކަތައް އެހެންހުރިނަމަވެސް އޭނާ ރަހުމަތްތެރިން އިހުތިޔާރު ކުރުމުގައި ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނުބަލައެވެ.

ދިރިއުޅުމުގެ ދުވަސްތައް ކަޑައްތުކުރަމުން ގޮސް ޔުނިވަސިޓީގެ ދުވަސްވަރު ޒައިނަބުގެ އެންމެ ގާތް ރަހުމަތްތެރިއަކަށްވީ މުސްލިމް އަންހެންކުއްޖެކެވެ. އެއީ އެހާތަނަށް އޭނާއަށް ދިމާވި އެންމެ އަހުލާގު ރަނގަޅު އެންމެ ހެޔޮ ރަހުމަތްތެރިޔާކަމަށް ބުންޏެވެ. ބުރުގާ އަޅާފައި ހުންނަ އެ އަންހެންކުއްޖާގެ ރަނގަޅުކަން ފެނުމުން އޭނާގެ ބައްޕަ ދެއްކި ވާހަކައާ މެދު ވިސްނާލެވުނެވެ. މުސިލްމުން ވިޔާނުދާ ކަމަށް ބުނެވޭނެ ބާއޭ ޒައިނަބުގެ ހިތަށް އެރި އެވެ.

ދެން ޒައިނަބު ބައްދަލުވެ ރަހުމަތްތެރިކަން އުފެދުނީ މުސްލިމް ފިރިހެންކުއްޖަކާއެވެ. އެގުޅުން އިތުރަށް ބަދަހިވެ ދެމީހުން ޑޭޓްކުރަން ފެށި އެވެ. ނަމަވެސް އޭރުވެސް އޭނާއަށް ޔަގީންވާ އެއްކަމަކީ އޭނާއާ ރައްޓެހިވެގެން އުޅުނު ނަމަވެސް އަމިއްލަ ގައުމަށް ގޮސް އެކުއްޖާ ދޫކޮށްލައި ސިކުންގެ ފިރިހެނަކާ ކައިވެނިކުރަން ޖެހޭނެ ކަމެވެ.

އެ މުސްލިމު ފިރިހެންކުއްޖާ ޒައިނަބަށް ޝަހާދަތުގެ ދެކަލިމަ ދަސްކޮސްދިނެވެ. ދީނީގޮތުން މާބޮޑަށް ކަންކަމުގައި ނޫޅޭ އެ ފިރިހެންކުއްޖާ އިސްލާމްދީނާ ބެހޭގޮތުން ދަސްކޮށްދިނީ ހަމައެކަނި ޝަހާދަތުގެ ދެކަލިމަ އެވެ. ޒައިނަބު ދިރިއުޅޭ ސަރަހައްދުގައި ހުންނަ މިސްކިތެއް ކައިރިން ދާ ކޮންމެ ފަހަރަކު އޭނާއަށް ޝަހާދަތުގެ ދެކަލިމަ ވިސްނުމަށް އަންނަން ފެށީ އެހިސާބުންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ޔުނިވާސިޓީގައި އެއްދުވަހަކު ޒައިނަބު އިންދައި އަތުގެ ނާރުތަކުން މާތް ﷲ އެހެން އެޅިފައި އިންދައި ފެނުނެވެ. އޭނާ ރައްޓެހިވެގެން އުޅުނު ފިރިހެންކުއްޖާވެސް އެކަމާ ކަންބޮޑުވެގެން އުޅުނުކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އެކަން ހަނދާން ނެތުނެވެ.

ޔުނިވަސިޓީގެ ހަޔާތް ނިންމައި އަމިއްލަ ގައުމަށް ބަދަލުވި ނަމަވެސް އުފާވެރިކަން އިހުސާސް ނުކުރެވޭކަމަށް ޒައިނަބު ބުންޏެވެ. އަދި އެއީ ރައްޓެހިންނާއި ލޯބިވާ ބައިވެރިޔާއާ ވަކިން އުޅެން ޖެހުމުން ކަމަށް އޭނާ ވިސްނި އެވެ. ވަކި ހިސާބަކުން ޒައިނަބުގެ މައިންބަފައިން ކައިވެނި ކުރުމަށް ބާރުއަޅަން ފެށި އެވެ. ނަމަވެސް އެކަމަށް ޝައުވެރިކަން ނެތްކަމަށް ބުނެ ކޮންމެ ފަހަރަކު ބަހަނާއެއް ދައްކައެވެ.

ޒައިނަބުގެ ގާތް މުސްލިމު އަންހެންކުއްޖާ އާ އެވާހަކަ ދައްލާމުން ރަގަޅުގޮތް ދައްކަވައި ދެއްވުމަށް އެދި މާތް ﷲގެ ހަޒުރަތުގައި ދެންނެވުމަށް ނަސޭހަތްތެރިވި އެވެ. އެވާހަކަ ދެކެވިފައިވަނިކޮށް އޭނާއަށް ހުވަފެނުން ފެނުނީ އޭނާ މާތްﷲ ގެ ގެފުޅުގައި ނަމާދަށް ހުއްޓައެވެ. އެހިސާބުން އިސްލާމްވުމަށް ނިންމި އެވެ.

ނަމަވެސް ހިތާމައަކަށްވީ ލޯބިވާ އާއިލާ ދޫކޮށްލަން ޖެހުމެވެ. ނަމަވެސް ހިތްހަމަޖެހުމެއްވެސް އޮތެވެ. އެއީ ލޯބިވާ ބައިވެރިޔާއާ ކައިވެނި ކުރެވޭނެ މަގުފަހުވުން ކަމަށް ޒައިނަބު ބުންޏެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް ޒައިނަބު ރައްޓެހިވެގެން އުޅުނު ފިރިހެންކުއްޖާ އާ މައްސަލަ ޖެހި ރުޅިވި އެވެ. ނަމަވެސް އޭނާ މުސްލިމަކަށް ވާން ބޭނުންވެފައި ހުރި ހުރުމަށް އެވެސް ބަދަލެއް ނާދެ އެވެ. ލޯބިވާ މައިންބަފައިން ދޫކޮށް އޭނާ މުސްލިމަކަށްވީ އެކަމަށް އޭނާގެ ހިތުގައި އޮތް ލޯބެއްގެ ބޮޑުކަމުންނެވެ.

މިހާރު ޒައިނަބުގެ ދުއާ އަކީ ލޯބިވާ މައިބަފައިން އިސްލާމްދީން ގަބޫލުކޮށް އޭނާއާ ވާހަކަދެއްކުމެވެ.