09 Jun 2016, 11:03
ކާސަން ސިޓީ (ޖޫން 9): ފަސިންޖަރަކާ އެކު ދަތުރު ކުރެވޭ ފުރަތަމަ ޑްރޯން ނުވަތަ ޑްރޯން ޓެކްސީ އެމެރިކާގެ ނެވާޑާ ސްޓޭޓުގައި ޓެސްޓު ކުރަން ހުއްދަ ދީފި އެވެ.
އީހަންގް 184ގެ ނަން ދީފައިވާ އެޑްރޯން އުފެއްދި ޗައިނާގެ ކުންފުނި ކަމަށްވާ އީހަންގް އިން ވަނީ ނެވާޑާގައި ޑްރޯން ޓެސްޓު ކުރުމަށް ހުއްދަ ހޯދުމުގެ ގޮތުން އިންސްޓިޓިއުޓް ފޯ އޮޓޮނޯމަސް ސިސްޓަމްސް (އެންއައިއޭއެސް) އާއި ގަވަނާސް އޮފީސް އޮފް އިކޮނޯމިކް ޑެވެލޮޕްމެންޓް (ގޯއެޑް)އާ ޕާޓްނާޝިޕެއް ހަދާފަ އެވެ.
"އީހަންގް އުދުއްސުމަށް ފެޑެރަލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ހޯދުމުގެ ގޮތުން، އެންއައިއޭއެސްގެ އެހީގައި ނެވާޑާ ސްޓޭޓުން އީހަންގަށް އިރުޝާދު ފޯރުކޮށްދޭނެ،" ގޯއެޑްގެ އެއިރޯސްޕޭސް އެންޑް ޑިފެންސް ސްޕެޝަލިސްޓް، ޓޮމް ވިލްކްޒެކް ވިދާޅުވި އެވެ.
އީހަންގް 184 އަކީ މެޕަކުން ދާންވީ ތަނެއް ދެއްކުމުން އަމިއްލައަށް ދަތުރު ކުރާ ޑްރޯނެކެވެ. އީހަންގް އިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ލަސް ވޭގަސްގައި އޮތް ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި ޑްރޯންގެ ޕްރޮޓޯޓައިޕެއް ދައްކާލާފަ އެވެ. ޕްރޮޓޯޓައިޕުގައި 1.2 މީޓަރު އުސް، 200 ކިލޯގްރާމްގެ ބަރުދަން ހުއްޓެވެ. ނަމަވެސް، ފަސިންޖަރަކާއެކު ޑްރޯނަށް އަދި ދަތުރު ކުރެވެނީ 23 މިނިޓަށެވެ.
އީހަންގްއިން އުއްމީދު ކުރަނީ މިއަހަރު ނިމެންވާ އިރަށް ޑްރޯން ވިއްކަން ފެށޭނެ ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ޑްރޯންގެ އަގު އުޅޭނީ 200،000 ޑޮލަރަށް ވުރެ މަތީގަ އެވެ. (ގާޑީއަން)